ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލްކޮށްގެން މިދިޔަ ހަފްތާގައި 1900 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިދިޔަ އޯގަސްޓް މަހުގެ 31 އިން މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 1927 މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކޮށްގެން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ އެ މީހަކު 500 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައިވެ އެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާއްމު ތަންތަން ނޫން އެހެން ތަނެއްގައި ދުންފަތުގެ އިސްތިއުމާލުކޮށްފި ނަމަ އެތަނެއް 1000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް އެ ގާނޫނުގައިވެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާތަނެއްގައި އެކަން އަންގައިދޭ ލިޔުން ބަހައްޓާފައި ނުވާ ނަމަ އެތަނެއްގެ ވެރިފަރާތް ފުރަތަމަ ފަހަރަށް 500 ރުފިޔާ އިން ޖޫރިމަނާކުރެވޭ އިރު ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5000 ރުފިޔާ އިން ޖޫރިމަނާކުރާނެ އެވެ.

ދުންފަތުގެ އިސްއުމާލުކުރުން މަނާ ތަންތަނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ސިނަމާތަކާއި ޖަލްސާ ކުރާ މާލަންތަކާއި މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި އުނގަންނައިދޭ ތަންތަނާއި ކުޑަކުދިން ބަލަހައްޓާ އަދި ދަރުބިއްޔަތުދޭ ތަންތަނާއި އެތަންތަނުގައި ހާމަކޮށް އޮންނަ ބިންތަކާއި އެތަންތަނުގެ ގޯތިތެރޭގައި ހުންނަ އެންމެހައި އިމާރާތްތަކާއި އެތަންތަނުގެ ގޯއްޗާއި ގުޅުވައިގެން ވަދެ ނިކުމެވޭ ގޮތަށް ހުންނަ ހިދުމަތްދޭ ތަންތަން ހިމެނެ އެވެ.

ސަރުކާރުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި ކުޅިވަރުކުޅޭ މަރުކަޒުތަކާއި ކޯޓުތަކާއި ދަނޑުތަކާއި ސެޓޭޑިއަމްތަކުގެ އިތުރުން މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތަންތަނުގައި އޮންނަ ހާމަ ބިންތަކާއި ރިހިބިލިޓޭޝަން ސެންޓަރުތަކާއި އެތަނެއްގައި އޮންނަ ހާމަ ބިންތަކާއި ކުޑަކުދިންގެ ޕާކުތަކާއި އެކުދިން އާންމުކޮށް މުނިފޫހިފިލުވުމަށް ގޮސްއުޅޭ ތަަން ހިމެނެ އެވެ.

މީގެއިތުރުން ވެސް ފެރީ އުޅަނދުތަކާއި ފެރީޓާމިނަލްތަކާއި ދަތުރުފަތުރު ކުރުމުގައި ފަސިންޖަރުން އުފުލުމަށާއި މުދާ އުފުލުމަށް ބޭނުންކުރާ ކޮންމެ އުޅަނދަކާއި ސައިހޮޓާ ރެސްޓޯރެންޓް އަދި މީނޫން ވެސް ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން އެއާ ކޮންޑިޝަން ކޮށްފައިވާ ތަންތަނާއި އެއާ ކޮންޑިޝަންކޮށްފައިނުވާ ހޮޓާ ރެސްޓޯރަންޓް ކެފޭގެ އަދި މިނޫނަސް ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުމަށް ހާއްސަ ކުރެވިފައިވާ ތަންތަން ފިޔަވައި އެހެނިހެން ތަންތަނާއި ތަކެތި ނުވަތަ ހިދުމަތް ލިބިގަތުމަށް އެތަނަކަށް އާންމުކޮށް މީހުން ވަންނަންޖެހޭ ނުވަތަ ކިއު ހަދައިގެން ނުވަތަ އެހެންގޮތަކަށް ވިއަސް މަޑުކޮށްގެން ތިބެންޖެހޭ ތަންތަނާއި އާންމުކޮށް ހުޅުވާލެވިފައިވާ ސަރަޙައްދުތަކުގެ ތެރެއިން ގިނަ ބަޔަކު އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނަކާމެކެވެ.