08 Sep 2014, 14:08
ސ. މަރަދޫގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ބަނގުރާދީގެން ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހޯދަމުން ދިޔަ ދެ މީހުންނަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށާއި އެ މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ދެ ކުދިން ހައްޔަރުކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެއީ 16 އަހަރާއި 17 އަހަރުގެ ދެ ކުދިން ކަމަށެވެ. އަދި އެ ދެ ކުދިންގެ ބަންދަށް 10 ދުވަސް ގަމު ކޯޓުން ގަހައިދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ މަރަދޫ ދޭދޫ ކުއްޖަކާއި މަރަދޫ ކުއްޖެކެވެ. މި މައްސަލާގެ ތުހުމަތުގައި މިމަހުގެ 4 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި 21 އަހަރުގެ މީހާގެ ބަންދަށް ގަމު ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފަ އެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެ ކުއްޖާގެ އާއިލާގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެކުއްޖާ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ގެއިން ނުކުތްގޮތަށް އެނބުރި ގެއަށް ގޮސްފައިނުވާތީ އެ ދުވަހުގެ ހަވީރު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ކުއްޖާ އަށް ބަޔަކު މީހުން މަސްތުވާތަކެއްޗާއި ބަނގުރާދީގެން ތަނެއްގައި ފޮރުވައިގެން ގެންގުޅޭ ކަމުގެ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ވަނީ އެރަށުގެ ބައެއް ތަންތަން ބަލާ ފާސްކޮށްފަ އެވެ. ނަމަވެސް އެ އަންހެން ކުއްޖާ ފެނުނީ ޖެހިގެން އައި ދުވަހު އެ ކުއްޖާ އަމިއްލައަށް އެނބުރި ގެއަށް ދިއުމުން ކަމަށް ފުލުހުން ބުންޏެވެ.