08 Sep 2014, 13:52
ޓީޗަރުންނަށް ރަނގަޅު ވަސީލަތްތައް ފޯރުކޮށްދެވިއްޖެ ނަމަ މުޖުތަމައަށް ހަމަޖެހުން ގެނެސް ދިނުމުގެ ގާބިލުކަން އެބޭފުޅުންގެ ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ވިލާކޮލެޖްގައި މިއަދު ފެށި ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މުޖުތަމައު ބަދަލުކުރުމުގައި ޓީޗަރުންނަށް މުހިއްމު ދައުރެއް އެބަ އޮތް ކަމަށެވެ.
"...މުޖުތަމައު ބަދަލު ކުރުމުގައި ޓީޗަރުންނަށް މުހިއްމު ދައުރެއް އެބަ އޮތް. ޓީޗަރުންނަށް އެކަށީގެންވާ އާލާތްތައް ފޯރުކޮށްދެވިއްޖެއްޔާ އިޖުތިމާއީ ގޮތުން ހަމަޖެހުން ގެނެސްދިނުމުގެ ގާބިލުކަން އެބޭފުޅުންގެ ހުންނާނެ،" އެކަމަނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މުޖުތަމައަށް އަންނަ ބަދަލުތަކަށް އަޅުގަނޑުމެންގެ ކުދިން ހޭލުންތެރިކޮށް، 21 ވަނަ ގަރުނުގެ ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ފޯރުކޮށްދިނުމަށް ޓަކައި އެ ބަދަލުތަކާ މެދު ޓީޗަރުން ހޭލުންތެރިވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ވިލާކޮލެޖް ގުޅިގެން ވިލާކޮލެޖްގައި މިއަދު ފެށި ބައިނަލް އަގުވާމީ ޓީޗަރުންގެ ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ. ޓީޗަރުން އެއްތަންވެ، ޓީޗަރުން އެބޭފުޅުންގެ ތަޖުރިބާއާއި ހޯދުންތައް ހިއްސާކުރުމަށް ވިލާކޮލެޖްގައި ފެށި އެ ކޮންފަރެންސްގައި ރާއްޖެއާއި އެހެން ބައެއްގައުމުތަކުގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ރާއްޖޭގެ ބައެއް މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މަންދޫބުން ބައިވެރިވެ އެވެ.
މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ކޮންފަރެންސްގެ ބައިވެރިން ބައެއް ސްކޫލްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް ކޮންފަރެންސްގެ ބައިވެރިން ޒިޔާރަތް ކުރާނެ ކަމަށް އެންއައިއީން ބުންޏެވެ.
މިފަހަރުގެ ކޮންފަރެންސްގެ ޝިއާރެއް ކަމަށް ކަނޑައަޅާފައި ވަނީ "ރި ތިންކިން ސޯޝަލް ޓްރާންފޯމޭޝަން އެންޑް ހާމަނީ" ( އިޖުތިމާއީ ގޮތުން ބަދަލު ގެނައުމާއި އަމާންކަމާ މެދު އަލުން ވިސްނުން) އެވެ.
ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި ވިލާކޮލެޖްގެ ރެކްޓަރް ޑރ. އަހްމަދު އަންވަރާއި ވިލާކޮލެޖާއި އެޑިއުކޭޝަން މިނިސްޓްރީ އަދި އެންއައިއީގެ އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.