މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖައްދާ ފަރާތްތައް ފުރުމަށް ތައްޔާރުވަމުން އަންނައިރު، އެ ހުރިހާ ފަރާތްތައް ވެސް ހައްޖު ގުރޫޕުގެ ލީޑަރުންގެ ބަހަށް ކިޔަމަންވެގެން އުޅުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފި އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ހައްޖައްދާ ހައްޖާޖީންނަށް މައުލޫމާތު ދިނުމަށް މިއަދު އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހައްޖައް ގޮސް އުޅުމުގެ ތެރޭގައި މީހުން ގެއްލުން ފަދަ ތަފާތު ހިތާމަވެރި ކަންކަން ހިނގާފައި އެބަހުރި ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް ހައްޖު ގްރޫޕްތަކުގެ އިސްފަރާތްތަކުގެ ބަސް އަހަންޖެހޭނެ ކަމަށެވެ.

"ހައްޖު މުއައްސަސާގެ އިސްކޮށް ތިއްބަވާ ވެރިންގެ އަމުރަށް ވަރަށް ބޮޑަށް ކިޔަމަންވާން ވާނެ. މިވެނި ތަނަކަށް ނުދާށޭ ބުނީމާ ނުދާންވާނެ. ތަނަކަށް ދާށޭ ބުނީމާ އެކަނި ދާންވިޔަސް ގްރޫޕް ލީޑަރަކާ އެއްކޮން އުޅެން ޖެހޭނީ. ބައެއްފަހަރު މީހުން ގެއްލި ދަތިކަމާ ހިތާމަވެރި ކަންކަން ދިމާވެފައި ހުރީ އާންމުކޮށް ގްރޫޕުގެ އިސްކޮށްތިބޭ ފަރާތްތަކުގެ އަމުރަށް ނުކިޔަމަންވެ އެބޭފުޅުންގެ ބަސް ނޭހުމުގެ ސަބަބުން،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖައް ގޮސް އުޅުމުގެ ތެރޭގައި ގިނަ މީހުން އެއްތަނަކަށް ޖަމާވެގެން އުޅޭ އިރު ހިނގާބިނގާވެ އުޅުމުގައްޔާއި ތަވާފް ކުރުމުގައްޔާއި ސަޢުޔު ކުރުން ފަދަ ކަންކަމުގައި ދަތިކަން ދިމާވާނެ ކަމަށެވެ. ނަމަވެސް މީހުން ކޮއްޕުން ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.