ދުނިޔޭގެ އެއް ނަންބަރު އަންހެން ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް ހަވަނަ ފަހަރަށް ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފިއެވެ.

އަހަރުގެ އެންމެ ފަހުގެ ގްރޭންޑް ސްލޭމް މުބާރާތް ސެރީނާ ކާމިޔާބު ކުރީ ޑެންމާކް ގެ ކެރޮލިން ވޮޒްނިއަކީ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ސެރީނާ ސެޓުތައް ކާމިޔާބު ކުރީ 6-3 އަދި 6-3 ނެވެ. މި މުބާރާތުގައި ސެރީނާ އެއްވެސް ސެޓަކުން ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ޔޫއެސް އޯޕަން ފައިނައިލުގައި ސެރީނާ ވިލިއަމް ކުޅެނީ -- ފޮޓޯ: އޭޕީ

ފުރަތަމަ ސެޓުގައި އެއްވެސް ކުޅުންތެރިޔަކަށް އެހާ ރަނގަޅު ކުޅުމެއް ނުދެއްކުނަސް ރޭގެ މެޗުގައި ވޮޒްނިއަކީ އަށްވުރެ ހުރިހާ ގޮތަކުންވެސް ސެރީނާގެ ކުޅުން މާ ފުރިހަމައެވެ.

މެޗައްފަހު ސެރީނާ ބުނީ ކާމިޔާބު ލިބުމުން ވަރަށް އުފާވާ ކަމަށާއި މިކަހަލަ ބޮޑު ކާމިޔާބީ އެއް ހޯދަން ނިއު ޔޯކް އަށްވުރެ ރަނގަޅު ތަނެއް ނެތް ކަމަށެވެ.

" މިއީ ވަރަށް އުފާވެރި ކަމެއް. މިއަށްވުރެ ރަނގަޅަށް މިކަން ނިންމާލެވޭނެ އެހެން ގޮތެއް ނެތް. ހަގީގަތުގައި ވެސް އަހަރެންނަށް މިހިރީ ވަރަށް އަސަރުކޮށްފައޮ. މިތާނގައި ކާމިޔާބު ލިބުމުން ވަރަށް ހިތްހަމަޖެހޭ،" އުފަލުން ހުރި ސެރީނާ ބުންޏެވެ.

ވޮޒްނިއަކީ ބުނީ އޭނާގެ ގާތް އެކުވެރިޔާއަށް ކާމިޔާބު ލިބުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށާއި އެއީ ސެރީނާއަށް ހައްގު މޮޅެއް ކަމަށެވެ.

" ސެރީނާ އަށް މަރުހަބާ ކިޔަން. ސެރީނާ މާ މޮޅަށް ކުޅުނު. މިއީ އޭނާ އަށް ހައްގު ކާމިޔާބީއެއް. ސެރީނާ އަކީ އަހަރެންނަށް ހުރި ހިތްވަރެއްގެ އިތުރުން އަހަރެންގެ ގާތް އެކުވެރިއެއް. ފަހުން ޑްރިންކްސް ދޭން ޖެހޭނެ،" ވޮޒްނިއަކީ ވާހަކަދައްކަމުން ބުންޏެވެ.

މިއީ ފަސްއަހަރުގެ ތެރޭގައި ގްރޭންޑް ސްލޭމް ފައިނަލެއްގައި ވޮޒްނިއަކީ ވާދަކުރި ފުރަތަމަ ފަހަރެވެ. ކުރިން ދުނިޔޭގެ އެއް ނަންބަރު ކުޅުންތެރިޔާ ވަނީ މިއަހަރު ރަނގަޅު ކުޅުމެއް ދައްކައި ކުރިއެރުން ހޯދައިފައެވެ.

ސެރީނާ ވިލިއަމްސް އަކީ ޓެނިސް ލެޖެންޑް ކްރިސް އެވަޓް އަށްފަހު ޖެހިޖެހިގެން ތިންވަނަ ފަހަރަށް މި މުބާރާތް ކާމިޔާބުކުރި ދެވަނަ ކުޅުންތެރިޔާ އެވެ.

އެންމެ ފަހުގެ ތިން ޔޫއެސް އޯޕަން ވެސް ކާމިޔާބުކޮށްފައިވާ އުމުރުން 32 އަހަރުގެ ސެރީނާ ގެ މިކާޔާބާއެކު އޭނަގެ ގްރޭންޑް ސްލޭމްސް އަދަދު މިހާރު އަށާރަ އަށް އަރައެވެ.

ގްރޭންޑް ސްލޭމްސް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނައިގައި ސެރީނާ ވާއިރު ކެރިއަރު ނިމުމުގެ ކުރިން ސެރީނާ މިއަށްވުރެ މައްޗައް އަރާނެ ކަމަށް ގިނަބަޔަކު މިހާރު ގަބޫލް ކުރެއެވެ.

ޔޫއެސް އޮޕަން ޓެނިސް މުބާރާތުގެ ފިރިހެން ބައިގެ ފައިނަލުގައި ޖަޕާނުގެ ކެއި ނިޝިކޯރީ އާ ސާބިއާގެ މަރިން ޗިލިޗް މިރޭ ވާދަކުރާނެއެވެ.