ކްރިމިނަލް ކޯޓުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކޯޓުގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށް، ކްރިމިނަލް ކޯޓުގެ މުވައްޒަފުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުޒައްޒަފުންނާއެކު އެކުވެރިކަމުގެ ވޮލީބޯޅަ މެޗެއް ކުޅެފި އެވެ.

މޭރީ ބްރައުންއާ ޖެހިގެން އޮންނަ ކުޅިވަރު އެކުވެނީގެ ވޮލީ ކޯޓުގައި، ފިރިހެން އަދި އަންހެން މުވައްޒަފުން ހިމެނޭ ގޮތައް ދެ މެޗެއް ކުޅެފައިވާއިރު ފުރަތަމަ ކުޅުނީ ކްރިމިނަލް ކޯޓުގެ އަންހެން މުވައްޒަފުންގެ ޓީމާއި ޕީޖީ އޮފީހުގެ އަންހެން ޓީމެވެ. ތިން ސެޓް ކުޅުނު މި މެޗް ޕީޖީ ޓީމުން ކާމިޔާބުކުރީ ދެ ސެޓް ކާމިޔާބު ކޮށްގެންނެވެ.

ކްމިނަލް ކޯޓުގެ އިސްގާޒީ ޢަބްދުﷲ މުހައްމަދާއި ޕީޖީ މުހުތާޒް މުހުސިން މެޗް ބައްލަވާލައްވަނީ --- ސަން ފޮޓޯ: ފަޔާޒް މޫސާ

ކްރިމިނަލް ޓީމްގެ އަންހެން ޓީމުން ފުރަތަމަ ސެޓް 27-25 އިން ގެންދިޔަ ނަމަވެސް ފަހު ދެ ސެޓް ޕީޖީ އިން ފަސޭހަކަމާއެކު ކާމިޔާބު ކުރިއެވެ. ޕީޖީ އިން ފަހު ދެ ސެޓު ކާމިޔާބު ކުރީ 25-16 އިންނެވެ.
ކްރިމިނަލް ކޯޓުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކޯޓައި ޕީޖީ އޮފީހާ ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީބޯލް މެޗުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މެޗް ކާމިޔާބު ކުރުމުން ޕީޖީގެ އަންހެން ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޢަބްދުﷲ މުހައްމަދުއެވެ.

އަންހެން މެޗުން ޕީޖީ ކުރި ހޯދި ނަމަވެސް ފިރިހެން ބައިގެ މެޗުން ކްރިމިނަލް ގެ މުވައްޒަފުންގެ ޓީމް ވަނީ ޕީޖީގެ ފިރިހެން ޓީމްގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.

ކްރިމިނަލް ކޯޓުގެ ޓީމުން މެޗް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 25-19، 25-14 އަދި 25-19 އިންނެވެ. މެޗުގައި ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް ކުޅުއްވި އެވެ.
ކްރިމިނަލް ކޯޓުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކޯޓައި ޕީޖީ އޮފީހާ ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީބޯލް މެޗުގެ ތެރެއިން -- ފޮޓޯ: ކްރިމިނަލް ކޯޓު

ފިރިހެން ބައިގެ މެޗުން މޮޅުވި ކްރިމިނަލް ކޯޓްގެ ޓީމާ ތަށި ހަވާލުކޮށްދެއްވީ ޕްރޮސިކިއުޓާ ޖެނެރަލް އެވެ.

މި މެޗުތަކުގައި ޓީމްތަކަށް ސަޕޯޓް ކުރެއްވުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނާއި މުވަޒަފުންގެ އިތުރުން ޕީޖީ އޮފީހުގެ މުވައްޒަފުން ވެސް ބައިވެރިވެވަޑައިގަތެވެ.

ކްރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހު ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެކޯޓުން މައުލޫމާތު ދެއެވެ.