18 Jan 2011, 18:04
ހދ. ކުޅުދުއްފުށީ މަގެއްގެ މަތިން ހިނގާފައި ދިޔަ ޓޫރިސްޓަކު ހިފެހެއްޓުމަށްފަހު އޭނާ އަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކުޅުދުއްފުށީ މީހަކު ތައުޒީރުކޮށް ދެ އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ މެންދުރު 12:45 ހާއިރު ޖަޕާނުގެ ރައްޔިތެއް ކަމަށްވާ އިކުއި މިޒުޝިމާ މަގުމަތިން ހިނގާފައި ދަނިކޮށް އޭނާ ހިފަހައްޓައި އޭނާއަށް ޖިންސީ ގޯނާ ކުރިކަން ކުޅުދުއްފުށީ، އަބަދަށްހިޔާ އާދަމް ޝަރީފް ޝަރީއަތުގައި އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން އާދަމް ޝަރީފުގެ މައްޗަށް ކުށް ސާބިތުވިކަން ކަނޑައަޅައި ޝަރީއަތް ކުރުމާ ބެހޭ ގަވާއިދަށް ހަވާލާދީ ޖަސްޓިސްގެ ސާކިއުލާގެ ދަށުން އޭނާ 25 އެތިފަހަރުން ތައުޒީރު ކުރުމާއެކު ދެ އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
މިފަހަކަށް އައިސް ވަރަށް ގިނަ އަދަދެއްގެ ބަދުއަހުލާގާ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. ނަމަވެސް ކޯޓުން ހަމަޖައްސާފައި ވަނީ އެއިން އެއްވެސް ޝަރީއަތަކަށް ނޫސްވެރިން ނުވެއްދުމަށެވެ.