އޭއެސްސީ މޯލްޑިވްސް އޯޕަން 2014ގެ ނިންމުން ކުލަގަދަ ހަފްލާއަކާއެކު އަދާރަން ހުދުރަންފުށީގެ "ޅޮހިސް" ރާޅުގަނޑު ސަރަހައްދުގައި އިއްޔެ ހަވީރު ބާއްވައިފި އެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެވެ.

ކުލަގަދަ ހަރަކާތްތަކަކާއެކު ކުރިއަށް ގެންދިޔަ އެ އިވެންޓްގައި ޔޫތް މިނިސްޓަރު މުހައްމަދު މަލީހުއާއި އިތުރު ބައެއް މިނިސްޓަރުން ވެސް ވަނީ ބައިވެރިވެވަޑައިގަތެވެ.

އިއްޔެގެ އެ ހަފްލާގައި މުބާރާތުގެ އެކި ކެޓެގަރީތަކުން ވަނަ ވަނަ އަށް ދިޔަ ރާޅާއެޅުންތެރިންނަށް ޓްރޮފީ އާއި ފައިސާގެ އިނާމް ވަނީ ހަވާލު ކޮށްދީފައެވެ.

މީގެ އިތުރުން މުބާރާތުގައި ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވި ބޭފުޅުންނަށްވެސް ވަނީ ސެޓްފިކެޓް ހަވާލުކޮށްދީފައެވެ.

ރާއްޖޭގައި ބޭއްވިގެން މިދިޔަ ބައިނަލްއަގުވާމީ ރާޅާއެޅުމުގެ މުބާރާތަކީ ކާމިޔާބު މުބާރާތެއް ކަމަށް މުބާރާތް އިންތިޒާމް ކުރި މޯލްޑިވްސް ބޮޑީބޯޑިންގް އެސޯސިއޭޝަން (އެމްބީބީއޭ) އިން ބުންޏެވެ. އަދި އިވެންޓް ތަކުގައި ވާދަކުރި ކުޅުންތެރިންވެސް ވަނީ ހިތްހަމަ ޖެހުން ފާޅުކޮށްފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އޭޝިއާގެ އެކި ގައުމުތަކުން ރާއްޖެ އައި ރާޅާއެޅުންތެރީން ވަނީ، އިންތިޒާމްތަކާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ނެތްކަމަށާއި މުބާރާތް ފެށިގެން ނިމެންދެން ވެސް ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް ކަން ފާހަގަކޮށްފައެވެ. ހާއްސަކޮށް އަދާރަން ހުދުރަންފުށިން އެމީހުންނަށް ދިން އެކޮމަޑޭޝަނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަން ފާޅުކުރިއެވެ.

އެމްބީބީއޭ އާއި އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕްސް (އޭއެސްސީ) ގުޅިގެން ބޭއްވި މި މުބާރާތުގެ ފިރިހެން ބައިގެ އެއްވަނައަށް ދިޔައީ އިންޑޮނޭޝިއާގެ ގަރޫޓު ވިޑީއާޓާ އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރާއްޖޭގެ އެއް ނަންބަރު ރާޅާ އެޅުންތެރިޔާ ހުސައިން އަރީފު (އިބޫ) އާއި ވާދަކޮށްގެންނެވެ.

ފިރިހެން ޗެމްޕިއަންކަން ގަރޫޓު ހޯދުމާ ގުޅިގެން އެނާއަށް 5000 ޔޫއެސް ޑޮލަރުގެ އިނާމެއް ވަނީ ދީފައެވެ.

މުބާރާތުގެ ބޮޑީބޯޑިން އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ދެކުނު އެފްރިކާގެ ގެވިން ބޯތާ އެވެ.

މޯލްޑިވްސް އޮޕަން ރާޅާ އެރުމުގެ މުބާރާތަކީ އޭޝިއަން ސާފް ޗެމްޕިއަންޝިޕްގެ ޓުއާ ޝެޑިއުލްގައި ހިމަނައިގެން ގްރޭޑް ތިނެއްގެ އިވެންޓެއްގެ ގޮތުގައި ބޭއްވި މުބާރާތެކެވެ.