މީހުން ހައްޖަށް ގެއްދިއުމަށް "ރަނގަޅު ގޮތުގައި" މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ނުހުއްޓުވާނެ ކަމަށާއި ނަމަވެސް ގަވާއިދާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ހައްޖައްދާ ހައްޖާޖީންނަށް މައުލޫމާތު ދިނުމަށް މިއަދު އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ރަސްމިއްޔާތެއް ޝަރަފުވެރިކޮއްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީހުން ހައްޖަށް ގެންދިޔުމުގައި ބައެއް ފަރާތްތަކުން ފައިސާގެ ކަންކަމުގައި ވެސް މަކަރު ހަދާ ކަމަށާއި އޭގެ ސަބަބުން ދިވެހިންނަށް ވަރަށްބޮޑު ނުތަނަވަސް ކަމަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

"ބައެއް ބޭފުޅުން އަޅުގަނޑާ ގުޅާލާފައި ބުނޭ މި މުއައްސަސާ އިން އެކަނި އެކަން ކުރާގޮތަށް ނިންމަންވީ ކަމަށް. ނަމަވެސް އަމިއްލަ ރަނގަޅު ފަރާތްތަކުގެ އެ މަސައްކަތް ހުއްޓުވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. ގަވާއިދާ ޚިލާފައް ކަންތައްތައް ކުރާ ފަރާތްތަކާ މެދު އަޅުގަނޑެމެން ފިޔަވަޅު އަޅާނަން. ކޯޓާ އަށް ވުރެ އިތުރަށް މީހުންއަތުން ފައިސާނެގި ފަރާތްތަކަށް އެ ކުންފުންޏެއްގެ ހިމެނޭ ހުރިހާ ޑައިރެކްޓަރުންނަށް ދެން ދުވަހަކުވެސް މީހުން ގޮވައިގެން ހައްޖަށް ނުދެވޭގޮތަށް ކަނޑައަޅަން މިހާރު ވަނީ ނިންމާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގައި ހައްޖު މުއައްސަސާއެއް އުފެދި އެ މުއައްސަސާގެ ދަށުން ފުރަތަމަ ހައްޖަށްދާ މީހުން ހައްޖަށް ގެންދިއުމަށް މިހާރު ތައްޔާރުވެފައިވާ އިރު އެ މުއައްސަސާ އަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ކަމަށެވެ. އަދި ހައްޖު މުއައްސަސާ އުފެދިގެން ދިޔައީ ވަރަށްގިނަ މަސައްކަތުން ކަމަށާއި ގިނަ ރައްޔިތުންތަކަކަށް ދިމާވި ހިތްދަތިކަން ފިލުވާލުމަކީ އެ މުއައްސަސާ އުފެއްދުމުގެ ބޭނުމެއް ކަމަށެވެ.

"ހައްޖާޖީން އަތުން ކަނޑައެޅިފައި އޮތް އަދަދަށް ވުރެ އިތުރަކަށް ފައިސާއެއް ނުނަގާނެ. އަދި އެ ފައިސާ އަށް ހައްޖު މުއައްސަސާ އިން އަމާނާތްތެރި ވާނެ. ދީފައި ހުރި ފައިސާއެއް އަނބުރާ ހޯދަން ކޯޓަށް ދާކަށް ނުޖެހޭނެ. ހިތްދަތިކަން ތަހައްމަލުވާ ވަގުތުގައި އެހީތެރިކަން ފޯރުކޮށްދޭނެ މި މުއައްސަސާ އިން. މައްކާގެ ހޮސްޕިޓަލެއްގައި ހައްޖާޖީންގެ ބޭފުޅަކު ބާއްވާފައި އެބޭފުޅުން އަނބުރާ ނާންނާނެ. ހައްޖު މުއައްސަސާ އުފެދުނީ ދިވެހި ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް،" ޝަހީމް ވިދާޅުވި އެވެ.

މީގެކުރިން އަބަދު ވެސް އަޑުއިވިގެން ދަނީ ކޮންމެވެސް މުއައްސަސާ އަކުން ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން ހައްޖާޖީން އަތުން ފައިސާ ނެގިކަމަށް ބުނާ އަޑު ކަމަށާއި ކިތަންމެ ގިނަ ގަވާއިދު ހެދި ކަމުގައިވީ ނަމަވެސް ބައެއް މީހުން އެއަށް އަމަލު ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަބަދުވެސް އިވޭ އަޑަކީ ކޮންމެވެސް އަމިއްލަ ބަޔަކު ތިބޭފުޅުން އަތުން އިތުރަށް ފައިސާ ނަގާ ވާހަކަ. ކިތަންމެ ގިނަ ގަވާއިދެއް ހެދިޔަސް އެއަކަށް އަމަލެއް ނުކުރޭ. މިވެނި އަދަދަކުންނޭ މީހުން އަތުން ފައިސާ ނަގަން ޖެހޭނީ ކަނޑައަޅާފައި އޮންނަ އިރުވެސް 'ކަލޭމެންނަށް ދޭ ސްލިޕްކޮޅުގައި ތިމަންނަމެން ލިޔާނީ މި އަދަދޭ އެކަމަކު ހައްޖައްދާން ފުރުސަތު ލިބޭނީ އިތުރަށް ދައްކައިގެންނޭ' އެގޮތަށް މަކަރާއި ހީލަތުން ފައިސާ ނަގަމުން ވެސް ދިޔަ. އަދި ކޯޓާ ލިބިފައިވާ އަދަދަށް ވުރެ އިތުރަށް މީހުން އަތުން ފައިސާ ނެގުމުގެ ސަބަބުން މިހާރު އެތަށް ބަޔަކަށް މިދަނީ އޭގެ ގެއްލުން ވަމުން،" ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ ކަންތައްތަކުގެ ތެރެއަށް ރައްޔިތުން މަސްއޫލު ކުރުވާފައި ބެހެއްޓެން ނެތް ކަމަށާއި ހައްޖު މުއައްސަސާ އުފެދިގެން އައީ ރައްޔިތުން އެފަދަ ކަންކަމުން ސަލާމަތް ކުރުމަށް ކަމަށެވެ. އެގޮތުން މިއީ ފަރުޟު ހައްޖެއް ކުރަން އެންމެ ގިނަ މީހުންނަށް ފުރުސަތު ލިބިގެންދިޔަ ފަހަރު ކަމަށާއި ހައްޖު ކޯޕަރޭޝަނުން އިސްކަން ދޭނީ އަބަދު ވެސް ފަރުޟު ހައްޖު އަދާކުރާ ބޭފުޅުންނަށް ކަމަށް އެމަނިކުޔފާނު ވިދާޅުވި އެވެ.