ދެކުނު ކޮރެއާގެ އިންޗިއޯން ގައި ބާއްވާ 17 ވަނަ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް ގެ އެޑްވާންސް ޓީމެއް އިއްޔެ ކޮރެއާއަށް ފުރައިފި އެވެ.

އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގް 'ސަން'އަށް ވިދާޅުވީ، އެޑްވާންސް ޓީމުގެ ގޮތުގައި ގޮސްފައިވަނީ ރާއްޖޭގެ ކޮންޓިންޖެންޓްގެ ތިން ހެޑުންނާއި އިތުރު އެއް ސްޓާފެއް ކަމަށެވެ. "ޗެފް ޑި މިޝަން"ގެ ގޮތުގައި މުހައްމަދު އަނީސް އާއި ޑެޕިއުޓީ ޗެފް ޑި މިޝަނުން ކަމަށްވާ އަލީ ވަހީދާއި އައިމިނަތު ނިމާ އެވެ.

މަރުޒޫގު އިތުރަށް ވިދާޅުވީ މި މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމު ކޮރެއާއަށް ދިއުމަށް ފުރާނެ ކަމަށެވެ. އެ ދެ ޓީމު އަވަހަށް ފުރަން ހަމަޖެހިފައި ވަނީ އޭޝިއަން ގޭމްސް ގެ ފުޓްބޯޅަ އިވެންޓް ތަންކޮޅެއް ކުރިން ފަށާތީއެވެ. އެއީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ފުޓްބޯޅަ ފިޔަވައި އެހެން ކުޅިވަރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވާ ހުކުރު ދުވަހު ކަމަށާއި އަދި ގޭމްސް ކުރިއަށް ދާނީ އޮކްޓޯބަރު ހަތަރެއްގެ ނިޔަލަށެވެ.

އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންގެ ޓީމަށް ސަރުކާރުން ވަނީ 3.8 މިލިޔަން ރުފިޔާ ދީފައެވެ.

އޭޝިއަން ގޭމްސްގައި ރާއްޖެއިން 10 ކުޅިވަރަކުން ބައިވެރިވެފައިވާއިރު ރާއްޖޭގެ ކޮންޓިންޖެންޓް ގެ ފަރާތުން ޖުމްލަ 206 މީހުން ދެކުނު ކޮރެއާއަށް ދާނެއެވެ.

އޭޝިއަން ގޭމްސް އަކީ އޮލިމްޕިކް ކޮމިޓީ އޮފް އޭޝިއާ (އޯސީއޭ) ގެ ފަރާތުން ބާއްވާ 36 ކުޅިވަރުގެ މައްޗަށް އެކުލެވޭ ކުޅިވަރު ފެސްޓިވަލެކެވެ. 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ދެކުނު ކޮރެއާގެ އިންޗިއޯން ސިޓީގައި ބާއްވާއިރު އިންތިޒާމްތައް ހަމަޖައްސައިފައި ވަނީ އިންޗިއޯން އޭޝިއަން ގޭމްސް އޮގަނައިޒިންގެ ކޮމިޓީ (އައިއޭޖީއޯސީ) އިންނެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި 45 ގައުމަކުން 13000 އެތްލީޓުން ވާދަކުރާނެއެވެ.