ޓީޗަރުންގެ ބައިނަލް އަގުވާމީ ކޮންފަރެންސެއް ރާއްޖޭގައި މިއަދު ފަށައިފިއެވެ.

ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ވިލާކޮލެޖް ގުޅިގެން ވިލާކޮލެޖްގައި ބާއްވާ އެ ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ. ޓީޗަރުން އެއްތަންވެ، ޓީޗަރުން އެބޭފުޅުންގެ ތަޖުރިބާއާއި ހޯދުންތައް ހިއްސާކުރުމަށް ވިލާކޮލެޖްގައި ފެށި އެ ކޮންފަރެންސްގައި ރާއްޖެއާއި އެހެން ބައެއްގައުމުތަކުގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އާއި ރާއްޖޭގެ ބައެއް މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މަންދޫބުން ބައިވެރިވެއެވެ.

މިއަދު ފެށި ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެކޮންފަރެންސްގެ ބައިވެރިން ބައެއް ސްކޫލްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް ކޮންފަރެންސްގެ ބައިވެރިން ޒިޔާރަތް ކުރާނެ ކަމަށް އެންއައިއީން ބުންޏެވެ.

މިފަހަރުގެ ކޮންފަރެންސްގެ ޝިއާރެއް ކަމަށް ކަނޑައަޅާފައި ވަނީ "ރިތިންކިން ސޯޝަލް ޓްރާންފޯމޭޝަން އެންޑް ހާމަނީ" ( އިޖުތިމާއީ ގޮތުން ބަދަލު ގެނައުމާއި އަމާންކަމާ މެދު އަލުން ވިސްނުން) އެވެ.
މިއަދު ފެށި ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރް ޑރ. އައިޝަތު ޝިހާމާއި ވިލާކޮލެޖްގެ ރެކްޓަރް ޑރ. އަހްމަދު އަންވަރާއި ވިލާކޮލެޖާއި އެޑިއުކޭޝަން މިނިސްޓްރީ އަދި އެންއައިއީގެ އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ފެށި ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސްގައި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު އަބްދުﷲ ނާޒިމް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން