08 Sep 2014, 10:06
ތިފްލީސީ (ސެޕްޓެމްބަރ 8) : ޔުކްރޭންގެ މައްސަލައާ ގުޅިގެން ޖޯޖިޔާގެ ސަލާމަތަށް ނުރައްކާ ވެދާނެކަމުގެ އިޙްސާސް އެގައުމުން ކުރާތީ ޖޯޖިޔާގެ އަސްކަރީ ބާރުތައް ވަރުގަދަކޮށްދޭނެ ކަމުގެ ޔަގީންކަން އެމެރިކާގެ ދިފާއީ ވަޒީރު ޗަކް ހެގްލް ދެއްވައިފި އެވެ.
ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނުނު ގައުމެއްކަމަށްވާ ޖޯޖިޔާ އަށް ކުރައްވާ ދަތުރުފުޅެއްގައި އެގައުމުގެ ވެރިރަށް ތިފްލީސް އަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އެމެރިކާގެ ދިފާއީ ވަޒީރު ވިދާޅުވީ ޖޯޖިޔާ އަށް ބޭނުންވާ އަސްކަރީ ވަސީލަތްތައް ފޯރުކޮށްދިނުމުގައާއި އެގައުމަށް ނޭޓޯގެ މެންބަރުކަން ހޯދައިދިނުމުގައި އެމެރިކާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގަ އެވެ.
ޖޯޖިޔާއަކީ 2008ގައި ހުޅަނގުގެ ތާއީދާ އެކު ރަޝިޔާގެ މަސްލަޙަތުތަކަށް ގެއްލުން ލިބޭ ގޮތަށް އަމަލުތައް ބެހެއްޓުމުގެ ސަބަބުން ރަޝިޔާއާ ހަނގުރާމަކުރަންޖެހި ގެއްލުންތަކެއް ލިބި ހިތްދަތި ތަޖްރިބާތަކެއް ކުރަމުންގެންދާ ގައުމެކެވެ. ނަމަވެސް ޔުކްރޭންގެ މައްސަލައިގެ ތެރެއަށް ރަޝިޔާ ވަންނަމުންދާތީ އެކަމާ މެދު ޖޯޖިޔާ ކަންބޮޑުވާކަން އެގައުމުގެ ދިފާއީ ވަޒީރު އެމެރިކާގެ ދިފާއީ ވަޒީރަށް ދެންނެވި ކަމަށްވެ އެވެ.
ރަޝިޔާ ތުހުމަތު ކުރާގޮތުން ޖޯޖިޔާ އާއި ޔުކްރޭން ފަދަ ކުރީގެ ސޮވިއެޓް ޔުނިޔަންގައި ހިމެނުނު ގައުމުތައް ރަޝިޔާއާ ޖައްސައި ދުޝްމަން ކުރުވައި އެގައުމުތައް ނޭޓޯ އަށް ވެއްދުމަށް އެމެރިކާ އަދާކުރަމުން ގެންދަނީ އަޑިނޭނގޭ ދައުރެކެވެ. މިކަމުގެ ބޭނުމަކީ ރަޝިޔާގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ މިފަދަ ގައުމުތަކަށް އަސްކަރީ ގޮތުން ވަދެގަތުމުގެ ފުރްސަތު ހޯދައިގެން ރަޝިޔާ އަސްކަރީ ގޮތުން ހިސާރުކުރުން ކަމަށް ރަޝިޔާ ދެކެ އެވެ. ޔުކްރޭންގެ މައްސަލަ ވެސް ގޯސްވެގެން ދިޔައީ އެމެރިކާއާއި ހުޅަނގުގެ ގައުމުތައް އަޑީގައި ތިބެގެން އެގައުމުގެ ކުރީގެ ސަރުކާރު ވައްޓާލުމާ އެކު ނޭޓޯ އަށް އެގައުމު ވެއްދުމަށް އެމެރިކާ މަސައްކަތް ފެށުމުންނެވެ. (ނޫސްއެޖެންސީތައް)