ގާހިރާ (ސެޕްޓެމްބަރ 8) : އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތާ ދެކޮޅަށް އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން އަރަބި ގައުމުތައް ތެދުވުމަށް އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލުލްއަރަބީ ގޮވާލައްވައިފި އެވެ.

ގާހިރާގައި އިއްޔެ ބޭއްވި އަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަބީލުލްއަރަބީ ވިދާޅުވީ އައިއެސް ޖަމާއަތް މިހާރު މައިތިރި ނުކޮށްފި ނަމަ މާދަމާ އަރަބި އެތައް ގައުމެއް އެޖަމާއަތުގެ ޝިކާރައަކަށް ވެގެންދާނެ ކަމުގަ އެވެ. އަދި އެ ޖަމާއަތުގެ ހަރުކަށި އަމަލުތައް މިއަދު ނުހުއްޓުވިއްޖެ ނަމަ އެ ޖަމާއަތުން ހިންގަމުން ގެންދާ ހަރުކަށި އަމަލުތަކުގެ ވޭނާއި ކެކުޅުން އިރާގުގެ ރައްޔިތުންނެކޭ އެއްގޮތަށް އަރަބި ހުރިހާ ގައުމުތަކެއްގެ ރައްޔިތުން ވެސް އުފުލަންޖެހޭނެ ކަމަށާއި އައިއެސްގެ ނުރައްކާތެރިކަން އަރަބި ގައުމުތަކަށް ވަރަށް ބޮޑު ކަމަށް ނަބީލުލްއަރަބީ ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަ ދެއްކެވި އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވިދާޅުވީ އައިއެސް ޖަމާއަތުގެ އިތުރުން މިސްރާއި ޔަމަނާއި ސޮމާލިޔާއާއި ލީބިޔާ ފަދަ އަރަބި އެތައް ގައުމެއްގައި ވެސް އިސްލާމް ދީނުގެ ޝިޢާރުތައް ކުރިޔަށް ނެރެގެން ހަނގުރާމައާއި ތަޅާފޮޅުމުގެ ޖަރީމާތައް ހިންގަމުން ގެންދާ ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާއަތްތަކަކީ އިސްލާމް ދީނާ ގުޅުމެއްނެތް ޖަމާއަތްތަކެއް ކަމުގަ އެވެ. އަދި އެ ޖަމާއަތްތަކުގެ އަމާޒަކީ ބަދަލުހިފުމާއި ވެރިކަމަށް އަތްގަދަ ކުރުން ކަމަށާ އެޖަމާއަތްތަކުގެ ބިރު އަރަބި ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތަކަށާއި އެގައުމުތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑުކަމަށް ވެސް އަރަބި ޚާރިޖީ ވަޒީރުން ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސައޫދީ އަރަބިޔާއާއި ޔޫއޭއީ ފަދަ އެމެރިކާގެ ވަށައިގެން އެނބުރޭ އަރަބި ގައުމުތަކުން ގެންދަނީ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމަށާއި އައިއެސް ޖަމާއަތް ފުނޑުފުނޑުކޮށްލުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް އަރަބި ގައުމުތަކުން އެއްބާރުލުން ދިނުމަށް ގޮވާލާ ގަރާރެއް އަރަބި ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުން ފާސް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އައިއެސް އާ ދެކޮޅަށް ގަރާރެއް ފާސްކުރުމަށް ހުރިހާ އަރަބި ގައުމުތައް އެއްބަސް ނަމަވެސް މިކަމުގައި އެމެރިކާ ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކުރާކަން ބަޔާންކުރާ ގަރާރެއް ފާސްކުރުމަށް ބައެއް އެހެން އަރަބި ގައުމުތަކުން އަދި ފަސްޖެހެމުން ދާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)