08 Sep 2014, 09:42
މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:15 ކަންހާއިރެވެ. ޕްރީ ސްކޫލް ޓީޗަރެއް ކަމަށްވާ މަރިޔަމް ޝިޒްނާ ސްކޫލް ނިންމާލުމަށް ފަހު ހިނގާފައި ގެއަށް އައީ ޓީވީއެމް ކައިރީ ބުރުޒު މަގަށްވާ ގޮތަށް އޮންނަ ޕާކިންޒޯން ކައިރިއިންނެވެ. ޓީވީއެމްއާ އަރާ ހަމަވިތަނުން ޝިޒްނާއަށް ކުއްލި ސިހުމެއް ލިބުނީ، ކުރިމަތިން ފެނުނު، ގަބޫލުކުރަން ދަތި މަންޒަރެއްގެ ސަބަބުންނެވެ. ރޯމާ ދުވާލު، ބޮޑު ފިރިހެނަކު ބަރަހަނާ ހާލުގައި ހުރެ ހިންގަމުން ގެންދިޔައީ ހުތުރު އަމަލެކެވެ. ޝިޒުނާ އަށް ރީއްޗަށް ފެންނާނެހެން އެމީހާ އެނބުރިލާފައި ލަދުވެތިކަމުގެ ކަންފުޅެއް ވެސް ނެތި ގޮވަން ފެށި އެވެ.
"އޭނާ ބަރަހަނާ ހާލުހުރެގެން މަށަށް ގޮވަނީ، ސީސް ސީސް ލައްވަމުން. އޭނާ ހުރީ އެތަނުގައި ޕާކު ކޮށްފައި އޮތް ދެ ޕިކަޕް ދޭތެރޭގައި. އަހަންނަށް ނޭނގުނުވީ ގޮތެއް ވެސް. ގައިން ހީބިހި ނަގައި ގަތުމާ އެކު ބިރުން އަވަހަށް ދުވަމުން އައީ. އޭރުވެސް އެމީހާ ހުރި އެތަނުގައި އެ ގޮތްކުޑަ އަމަލު ހިންގަން،" ޝިޒްނާ ބުންޏެވެ.
އެފަދަ އެހެން ހާދިސާއެކެވެ. އެއީ މީގެ ދެ ތިން މަސް ކުރި އެވެ. ގަލޮޅު ގެއެއްގައި ދިރިއުޅޭ އާމިނަތު ނީޒާ، އޭނާ މަސައްކަތްކުރާ ހެންވޭރުގައި ހުރި އޮފީހަށް އައުމަށް މަގު ކުރުކޮށްލާނަމޭ ހިތައި، އާންމުކޮށް ހިނގާ މަގު ނޫން މަގެއް އިހްތިޔާރުކުރި އެވެ. ކުއްލިއަކަށް ނީޒާ އަށް ދިމާވީ "ބިރުން ފިތް ކަނޑައިގެންދާ ވަރުގެ" ކަމަކާ އެވެ. "ބޮލަށް އަރާފައި ހުރި" ފިރިހެނެއްގެ ދަށު ދަރަޖައިގެ އަމަލެކެވެ.
"އެތަނުގައި ޕާކްކޮށްފައި އޮތް ދެ ވެހިކަލެއް ދޭތެރެއިން އޭނާ އެރީ ކުއްލިއަކަށް އަހަރެންގެ ކުރިމައްޗަށް. އޭރު އޭނާ ހުރީ ރީއްޗަށް ފެންނާނެހެން ... މަށަށް ނޭނގުނު ހުރެވުނު ތަނެއްވެސް. އަވަހަށް މޫނު އަނބުރާލާފައި އައިކޮޅަށް ދުއްވައިގަތީ،" ނީޒާ އަށް ދިމާވި ލަދުވެތި، ބިރުވެރި ހާދިސާ ކިޔައިދެމުން ބުންޏެވެ.
ނީޒާ ބުނި ގޮތުގައި އޭގެ ފަހުން ވެސް އޭނާ އަށް ވަނީ އެފަދަ، ލަދުވެތިކަމުގެ ކަންފުޅެއް ވެސް ނެތް ގޮތެއްފޮތެއް ނެތި އުޅޭ ފިރިހެނުންގެ "ޝައިތާނީ" އަމަލުތަކާ ކުރިމަތިލާން ޖެހިފަ އެވެ. އަދި އެފަދަ ދަށުދަރަޖައިގެ އަމަލު ހިންގަން މަގުމަތީގައި ބަރަހަނާ ހާލުގައި ހުރި މީހަކު ފެނުނީ ނީޒާގެ އެއްބަނޑު އެއްބަފާ ކުޑަކުޑަ ކޮއްކޮއާ އެކު ހިނގާފައި ދަނިކޮށް ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
"އެމީހާ މަގުމަތިން ނުފެނުނަސް އެކަން ބޮލުތެރެއަކުން ނުފިލާ. ކާން އުޅުނަސް ސިފަވަނީ އެމީހާ. އަހަރެންނަށް އެކަންތައްތައް ދިމާވި ފަހުން ނުކެރޭ އެކަނި މަގުމައްޗަށް ނުކުންނަން ވެސް. ވަރަށް ބޮޑަށް ބިރުގަނޭ،" ނީޒާ، އޭނާ އަށް ދިމާވި ބިރުވެރި އަދި ލަދުވެތި ހާދިސާ ކިޔައިދިނެވެ.
މިފަހަރު އެހެން ޒުވާން ޖިންްސުއްލަތީފެއްގެ ވާހަކަ އެވެ. ހަފްސާ އިބްރާހިމް މަސައްކަތްކުރާ އޮފީސް ހުންނަނީ ބުރުޒު މަގު ދެބައިވާ ހިސާބުގަ އެވެ. އޭނާ ކިޔައިދިން ގޮތުގައި ކުރިން ފާހަގަ ކުރި ދެ ކުދިންނަށް ވެސް ފެނުނު ފަދަ ދަށުދަރަޖައިގެ އަމަލެއް މަގުމަތީގައި ހުރި މީހަކުން ހިންގި މަންޒަރު އޭނާއަށް ވެސް ވަނީ ފެނިފަ އެވެ. ދެ ރެއެއްގައި އޭނާ އަށް އެކަން ދިމާވީ ހަަމަ އެއް ހިސާބަކުންނެވެ. އެއީ ބުރުޒު މަގުން އަންނައިރު ޓީވީއެމް ކައިރީ ޕާކުކޮށްފައި ހުންނަ ވެހިކަތްތައް ކައިރި އެވެ.
"މަށަށް ދެ ރެއެއްގެ މަތިން އެމީހާ ހަމަ އެހިސާުން ފެނުނު އިރު ކޮންމެ ފަހަރަކު ވެސް އެ މީހާ ހުންނަނީ އަމިއްލަ އަށް ބަދުއަހުލާގީ އަމަލު ހިންގަން. އަދި އަހަރެން ފެނުނީމާ އެ ހާލުގައި ހުރެގެން އަހަރެންނާ ދިމާއަށް އަންނަނީ. އަހަރެން ކޮންމެ ފަހަރަކު ވެސް ބިރުން ދުއްވައި ގަންނަނީ" ހަފްސާ ބުންޏެވެ.
ގާތް ރަހްމަތްތެރިންގެ ފަރާތުން ލިބުނު އެ މައުލޫމާތުތައް އެތައް ބަޔަކާ ހިއްސާ ކުރީމެވެ. އެފަދަ ކަންކަން ހިނގާކަން ނޭނގޭކަމަށް ބުނީ މަދުބަޔެކެވެ. ގިނަ މީހުން ބުނީ އެ ހުތުރު އަމަލުތަކަކީ މި ސައްތައިންސައްތަ މުސްލިމް ގައުމުގެ މަގުތަކުގައި ވަރަށް ފާޅުގައި ހިންގަމުންދާ އަމަލުތެކެއް ކަމަށެވެ.
"ތިކަމަކީ ކުރިންސުރެން ވެސް ހިނގާކަމެއް، ޒުވާން ކުދިން ސްކޫލަށް ދާއިރު ވެސް އެ ކުދިންނަށް ވެސް އެ މަންޒަރު ދައްކާފައި އެބަހުރި،" ސަލާމަތީ ބާރުގައި ކުރިން މަސައްކަތް ކޮށްފައިވާ މިހާރު ކުއްޖެއްގެ ބެލެނިވެރިއެއް ކަމަށްވާ އަހުމަދު ހުސެއިން ބުންޏެވެ.
ތަފާތު މީހުންގެ ވާހަކަތަކަށް ބަލާ އިރު އެއީ މި މުޖުތަމައުގައި ހިންގަމުންދާ ޖަރީމާއެއްކަން ފާހަގަކުރެވެ އެވެ. އެފަދަ ކަންކަން ދިމާވެފައިވާ މީހުންގެ ވާހަކަތަކަށް ބަލާ އިރު އެކަމުގައި ގިނައިން ހަރަކާތްތެރި ވަނީ ޒުވާން ފިރިހެނުންނެއް ނޫނެވެ. ތަންކޮޅެއް ހަރުފުރައިގެ ފިރިހެނުން އެ ޖަރީމާ ހިންގުމުގައި ބޮޑަށް ހަރަކާތްތެރިވާކަން އެނގެ އެވެ. އެމީހުންނަކީ މަސްތުވާ ހާލުގައި ތިބޭ މީހުން ނޫން ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ތިބެނީ ވަރަށް ރީތި ހެދުން އަޅައިގެން "ސުމާޓް"ކޮށް ހެދިގެން ނެވެ. އެފަދަ މީހުން ރޭދުވާހޭދަކޮށް ހަދަނީ ވެސް ހަމަ އެ ގޮތެއްނެތް މުޑުދާރު އަމަލުތައް ހިންގުމުގަ އެވެ. އެންމެ ގިނައިން އެފަދަ މީހުން ތިބެނީ ޕާކިން ޒޯންތަކުގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަތައް ނިވާފަތްގަނޑަކަށް ހޯދައިގެންނެވެ. އަދި ބައެއް ކުދިކުދި ގޯޅިތަކުގައި ވެސް އެފަދަ މީހުން ހަރަކާތްތެރިވާ ކަމަށްވެ އެވެ.
"ބޮޑަށް އެފަދަ މީހުން ދިމާކުރަނީި އެކަނިމަގުތަކުގައި ހަރަކާތްތެރިވާ އަންހެން ކުދިންނާ. ނަމަވެސް ބައެއް ފަހަރު އެބަހުރި ތިން ކުދިން ނޫނީ ދެ އަންހެން ކުދިން އެކުގައި ދަނިކޮށް ވެސް އެފަދަ ގޮތްގޮތަށް ދިމާކޮށްފައި" ކަމާ ބެހޭ މަސްދަރަކުން މައުލޫމާތު ދިނެވެ.
މި ކުޑަކުޑަ މުޖުތަމައުގައި ހިންގަމުންދާ މި ގޮތްކުޑަ ޖަރީމާއަށް ބަލާއިރު މިއީ އޭގެ ސަބަބުން އެތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން އެފަދަ ހާދިސާތަކުގެ ސަބަބުން އެތައް އަންހެނުންނެއް ނަފްސާނީ ބިރުވެރިކަމަކާ ވަނީ ކުރިމަތިލާންޖެހިފަ އެވެ. އެކަނި މަގުމަތިން ހިނގަން ވަނީ ނުކެރިފައިވެ އެވެ. އެފަދަ ޖަރީމާތަކުގެ ސަބަބުން އެތައް މައިންނަކާއި ދަރީން ވަނީ ލަދުވެތިހާލަށް ހުށަހެޅިފަ އެވެ. އަދި މިއީ ރޭޕްކުރުން ފަދަ ލާއިންސާނީ ގޮތްކުޑަ އެތައް ޖަރީމާތަކެއް ފެންމަތިވުމަށް ދިމާވާ ސަބަބުތަކެއް ކަމަށް ފެނެ އެވެ. މިއީ ޖިންސީ އެދުމުގެ ބަލިމަޑުކަމެއް ފެންމަތިވެދާނެ ކަމެއް ކަމަށް ބެލެވެ އެވެ.
ގާނޫނީ ވަކީލް އަލީ ޝާހް ވިދާޅުވި ގޮތުގައި އެފަދަ ޝަކުވާތަކަކީ އޭނާ އަށް ވެސް ދޭތެރެ ދޭތެރެއިން މީހުން ހުށައަޅާ ޝަކުވާތަކެވެ. އެފަދަ ކަންކަމުން ސަލާމަތް ވުމަށް އަންހެން ކުދިން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެ އެގޮތަށް ހެދުން އެޅުން ކަމަށް ޝާހް ދެކިލައްވަ އެވެ.
"އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް ހެދުން އެޅުން ވަރަށް މުހިންމު އެފަދަ ކަންކަމުން ސަލާމަތްވުމަށް. އެކަމަކު ވަކި ގޮތަކަށް ހެދުން އެޅުމުން ކޮންމެހެން ނުޖެހޭ ފޮށޭކަށް ވެސް،" ޝާހް ވިދާޅުވި އެވެ.
އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އެފަދަ ހުތުރު ކަންތައްތައް މި މުޖުތަމައުގައި ގިނަވެ އެކަންކަން ނުހުއްޓިގެން އުޅޭ ސަބަބަކީ ގާނޫނު ތަންފީޒު ނުކުރެވުމެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން މަގުހިނގާ މީހުންނާ ފޮށި ޖިންސީ ފުރައްސާރަ ކުރާ ނަމަ ގިނަ އަބަދުތަކެއް އެމީހަކަށް ދެވެ އެވެ. އޭގެ ތެރޭގައި ޖަލު ހުކުމް ވެސް ހިމެނެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ ޝަކުވާތައް ރަސްމީކޮށް ފުލުހުންނަށް ހުށައެޅޭ މިންވަރު މަދު ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގައިފި ނަމަ ފުލުހުންނަށް ހުށައެޅުމަށް އެދޭ ކަމަށެވެ. އެފަދަ ކުށްތައް މުޖުތަމައު އިން ހުއްޓުވުމަށް ރެއާ ދުވާލު ފުލުހުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
މި އަމަލަކީ މި ސައްތައިން ސައްތަ އިސްލާމީ ބިމުގައި އާންމުވެފައިވާ ލަދުވެތި، ބިރުވެރި އަމަލެކެވެ. މިއީ ކުޑަ ކަމަކަށް ހަދައިގެން ތިބެއްޖެ ނަމަ މިއީ މާދަމާ އެތައް ކުދިންނެއް މިކަމުގެ ޝިކާރައަކަށްވެ އެތައް ބަޔަކަށް އެތައް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ. މިފަދަ ހުތުރު، ކަންކަން ހުއްޓުވަން ޖެހެ އެވެ. ބޭރުގެ ބައެއް ގައުމުތަކުގެ މަގުތައް ފަދައިން ދިވެހި މަގުތަކަކީ އަންހެން ކުދިންނަށް އަމާންކަމެއް ނެތް "ބޮލަށް އަރާފައި" ތިބި ބަޔަކު ރަސްކަން ކުރާތަނަކަށް ހެދުމުގެ ފުރުސަތު ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންޖެހެ އެވެ.