08 Sep 2014, 09:29
ބާޒާރުމަތީގައި މީހުންނަށް މަސްގަނެދީ އަދި ގޭގެ އަށް މަސް ގެންގޮސް ދިނުމުގައި ބުރަކޮށް އުޅޭ އަދި މީހުންގެ މަގުބޫލުކަން ހޯދާފައިވާ ނާސިރާ އަބްދުﷲ މިއަދު މަރުވެއްޖެ އެވެ.
މާލޭ ދަފްތަރުގެ ރަޖިސްޓްރީގައި އޮންނަ ނާސިރާ މަރުވި އިރު އުމުރަކީ 57 އަހަރެވެ.
ނާސިރާގެ ކުޑަ އިރުސުރެ ވެސް އެކުވެރިއެއްކަމަށްވާ ނާޒްނާ އިބްރާހިމް އަލީ މިއަދު ސަން އަށް ބުނީ ނާސިރާ މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ނާސިރާ ހާލު ބޮޑުވީ އެގޭގައި އޮށްވައި ރޭގައި ކަމަށް ނާޒްނާ ބުންޏެވެ. މިއަދު ހެނދުނު ނާސިރާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް ނާޒްނާ ބުންޏެވެ.
"ދެ ދުވަހެއް ވެއްޖެ އޭނާ ހާލު ބޮޑުވެގެން އަޅުގަނޑުމެން ގޭގައި ނިދާތާ، ދެން ރޭގައި ވަރަށް ހާލު ބޮޑު، ރޭ ހަތަރު ދަމު ބަނޑުގައި ރިއްސާތީ ރޮއެ ހެދީ ވެސް، ޑޮކްޓަރަށް ދައްކަން ދާން ބުނީމާ އެއްބަހެއް ނުވި ބުނީ ރަނގަޅު ވީމަޔޯ ބޭރަށް ދާނީ ވެސް،" ނާޒްނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ނާސިރާ ބަލިވެ އުޅޭތާ މިހާރު ތިން މަސްވަރުވެއްޖެ އެވެ. އެގޮތުން މީގެ ހަފްތާއެއް ކުރިން ވެސް ނާސިރާ ޑޮކްޓަރަށް ދެއްކި ކަމަށާއި އޭނާގެ ބައްޔަކީ ކޮން ބައްޔެއް ކަމެއް ޑޮކްޓަރުން ނުބުނާ ކަމަށެވެ.
"އޭނާ ބަނޑުގައި ރިއްސާފައި ހޮޑުލަނީ، ހަމަ ކާއެއްޗެއް ކާލާއިރަށް ހޮޑުލަނީ،" ނާޒްނާ ބުންޏެވެ.
ނާޒްނާ ބުނި ގޮތުގައި ނާސިރާ އޭނާގެ ގެއަށް ނިދަން އަންނަން ފެށީ މީގެ ދެ ދުވަސް ކުރިން ކަމަށާއި އެއީ އޭނާގެ ހާލު މާ ދެރަވުމުން ކަމަށެވެ.
އާންމުކޮށް ނާސިރާ ނިދާ ހަދާފައި ވަނީ މަސް މާރުކޭޓް ފަދަ ތަންތަނުގަ އެވެ. އޭނާ ކައިބޮއި ހަދަނީ މުޅިން ވެސް ހޮޓަލުން ނެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން ހާލު ބޮޑުވެ އޭނާ ކައިހަދާފައި ވަނީ ނާޒްނާމެން ގެއިން ބަތްޕެން ކަމަށް ނާޒްނާ ބުންޏެވެ.
ނާސިރާ މިއަދު މަރުވެފައިވާ އިރު އޭނާ އަކީ މީގެ އެތައް އަހަރެއް ކުރިންސުރެ ބާޒާރު މަތީ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވާ މީހެކެވެ. އޭގެ ތެރެއިން ބިއްލޫރި ފުޅި ފަދަ ތަކެތި ވިއްކައި ގޭގެ އަށް މަސް ގެންގޮސް ދިނުމަކީ އޭނާ ކުރާ އެންމެ އާންމު މަސައްކަތެވެ.