18 Jan 2011, 17:40
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅިތާ 48 ގަޑިއިރު ފަހުން އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް އެންގި 18 ކެންޑިޑޭޓުންނަށް ވެސް އިންތިހާބުގައި ބައިވެރިވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ކަނޑައަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނަނީ، ނަން ބާތިލް ކުރި ކަމަށް ކަނޑައެޅި ކެންޑިޑޭޓުންނަށް ބައިވެރިވެވޭނެ ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކަމަށެވެ.
ޝަރުތު ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް އިން ނަން ބާތިލް ކުރި 18 ކެންޑިޑޭޓުންނަށް ވެސް އެމީހުންގެ ކެންޑިޑެސީ ބާތިލު ކުރިކަން އިލެކްޝަން އިން އަންގާފައިވަނީ، އިންތިހާބުގައި ވާދަ ކުރުމަށް ފޯމު ހުށަހެޅިތާ 48 ގަޑިއިރު ފަހުންނެވެ.
ނަން ބާތިލްކޮށްގެން އއ. ހިމަންދޫ ރަށު ކައުންސިލަށް ކުރިމަތިލެއްވި އަސީތު ތައުފީގު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާއާ ހިލާފަށް އެއްވެސް ކެންޑިޑޭޓެއްގެ ނަން އިލެކްޝަނަށް ބާތިލް ނުކުރެވޭނެ ކަމަށެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 21 ވަނަ މާއްދާގައި ބުނެފައި ވަނީ އިންތިހާބަކަށް ކުރިމަތިލުމަށް އެދި މީހަކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ލިޔުންތައް އިލެކްޝަނަށް ލިބޭތާ 48 ގަޑިއިރުގެ ތެރޭގައި އެމީހެއްގެ ހުށަހެޅުން ގަބޫލު ކުރާކަން ނުވަތަ ނޫންކަން އަންގަންވާނެ ކަމަށެވެ.
މީގެ އިތުރުން އިލެކްޝަންސްގެ އިއުލާނުގައި ބުނެފައި ވަނީ ނަން ބާތިލް ކުރި ކެންޑިޑޭޓުންނަކީ ޝަރުތު ފުރިހަމަ ނުވާ ބައެއް ކަމަށް އިލެކްޝަންސް ކޮމްޕްލެއިންސް ބިއުރޯއިން ކަނޑައަޅާފައިވާތީ އެމީހުންގެ މައްސަލަ ޝަރީއަތް މެދުވެރިކޮށް ކުރިއަށް ގެންދާ ކަމަށެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު މިކަމުގެ އިތުރު ތަފްސީލެއް ނުދެއްވި އެވެ.