ކިޔަވައިދޭނެ ޓީޗަރުން ނެތް ކަމަށް ބުނެ، ބެލެނިވެރިން ނުކުމެ ލ. މާބައިދޫގައި ހުންނަ އަތޮޅު މަދަރުސާގައި ތަޅު އަޅުވައިފި އެވެ.

މާބައިދޫ ކައުންސިލުގެ ރައީސް އިބްރާހިމް ޝަރީފް ވިދާޅުވީ، އަތޮޅު މަދަރުސާގައި ކިޔަވައިދޭނެ ޓީޗަރުން ނެތް ކަމަށް ބުނެ ހުރިހާ އަންހެން ބެލެނިވެރިން ނުކުމެ އަތޮޅު މަދަރުސާގެ ގޭޓުތަކުގައި ތަޅު އަޅުވާފައިވަނީ މިއަދު މެންދުރު ކިޔެވުން ނިމުނު ފަހުން ކަމަށެވެ.

"ސްކޫލުގައި ހުރި އިސްލާމް ޓީޗަރު އެ އަތޮޅު ގަމު ސްކޫލަށް ބަދަލު ކުރީމަ ބެލެނިވެރިން މިއަދު ރުޅި ގަދަވެގެން ކެތް ނުވެގެން ސްކޫލުގައި ތަޅު އެޅުވީ. ބެލެނިވެރިން ފުރަތަމަ އައިސް މުޒާހަރާ ކުރީ ކައުންސިލް ދޮށުގައި. އެއަށްފަހު ގޮސް ސްކޫލުގެ ދެ ދޮރުގައި ތަޅު އަޅުވައި ބަންދުކުރީ،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމަށްވަރަށް ބުރަ މަސައްކަތުން އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން، އެކަމަށް ހަފްތާއެއްގެ ތެރޭގައި ހައްލެއް ހޯދައިދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ބެލެނިވެރިން މުއްދަތު ދޭން ގަސްތުނުކޮށް، މިހާރުން މިހާރަށް ތިން ޓީޗަރުން ހަމަޖައްސައިދިނުމަށް އެދެމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މިއަހަރު ފެށުނީއްސުރެ ސްކޫލުގައި ދިވެހި، ގުރުއާން އަދި އިސްލާމް ކިޔަވައިދޭނެ ރަނގަޅު ޓީޗަރެއް ނެތް. ބައެއް މާއްދާތައް ވެސް ކިޔަވައިދެނީ އެހެން މާއްދާތައް ކިޔަވައިދޭ ޓީޗަރުން. ސްކޫލްގެ ޕްރިންސިޕަލުންނާއި މެނޭޖްމަންޓު ވެސް ރަނގަޅެއް ނޫން،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އެ މައްސަލައިގައި ލ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލްގެ ފަރާތުން ވެސް އަދި އެޑިއުކޭޝަން މިނިސްޓްރީން ވެސް ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.