07 Sep 2014, 21:29
ޅ. ނައިފަރުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބްރާންޗުގައި ފެންބޮޑުވެއްޖެ އެވެ.
ގައުމީ ބޭންކުގެ ނައިފަރު ބްރާންޗުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، މިރޭ ގާތްގަނޑަކަށް 8:00 އެހައިކަންހާއިރު އެ ހާދިސާ ހިނގާފައި ވަނީ ފެން ހޮޅިއެއް ފަޅައިގެން ދިޔުމުން ކަމަށް ބެލެވޭ ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ބޭންކުގެ ހުރިހާ ސްޓާފުން ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިރޭ ކުއްލިއަކަށް އަޅުގަނޑުމެންނަށް އެނގުނީ ފެން ފައިބާކަން. މިހާރު އެކަން ހައްލު ކުރަމުން މިދަނީ، ހީވަނީ ބޮޑަށް މަތިން ހޮޅިއެއް ފަޅައިގެން ދިޔައީހެން. ހުރިހާ ސްޓާފުން ވެގެން މަސައްކަތް ކުރަނީ. މިހާރު ދެން ފެންތައް މި ހުސްކުރެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި އިކުއިޕްމެންޓުތަކަށް ފެނުގެ އަސަރު ކުރި ކަމަށާއި އެކަމުގެ ސަބަބުން ޚިދުމަތްތަކަށް ބުރޫއަރާނެ ކަމަށެވެ. އެހެންނަމަވެސް ކިރިޔާވެސް ގޮތެއް އޮތްނަމަ "މެނުއަލް"ކޮށް މާދަމާ ޚިދުމަތްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިކުއިޕްމެންޓްތަކަށް ފެން ފޭބީމަ ކޮންމެވެސް ވަރަކަށް ގެއްލުން ލިބުނު. މިކަމުގެ ސަބަބުން ޚިދުމަތަށް ބުރޫއަރާނެ. އެކަމަކު މެނުއަލްކޮށް ނަމަވެސް މާދަމާ އަޅުގަނޑުމެން ޚިދުމަތްދޭނަން އިރާދަކުރެއްވިއްޔާ. ކިރިޔާވެސް ގޮތެއް އޮތިއްޔާ،" އޮފިޝަލް ވިދާޅުވި އެވެ.
ބޭންކުގައި ހިނގި ފެންބޮޑުވުމުގެ އެ ހާދިސާއާ ގުޅިގެން މުޅި ބޭންކުން ވަނީ ކަރަންޓު ކަނޑާލާފައެވެ.