ކްލަބަށް ކުޅުންތެރިން ގެންނަން ކުރިން ޚަރަދު ކުރިވަރަށް ދެން ހަރަދު ނުކުރާނެކަމަށް ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

ޔޫރޯ ސްޕޯޓްސްއަށް މައުލޫމާތު ދެމުން މޮރީނިއޯ ބުނީ، ފީފާގެ ފައިނޭންޝަލް ގަވާއިދުގެ ސަބަބުން ކުރިން ޓްރާންސްފާ ކަންތައްތަކުގައި ޗެލްސީން އުޅުނު ގޮތަށް ދެން އުޅެން ނުޖެހޭނެ ކަމަށެވެ. އަދި އެކަމާމެދު އެހާ ކަންބޮޑު ނުވާކަމަށްވެސް މޮރީނިއޯ ބުންޏެވެ.
ރަޝިޔާގެ ބިލިޔަނަރު ރޯމަން އަބްރަމޮވިޗް 2003 ވަނަ އަހަރު ޗެލްސީ ގަތް ފަހުން މި ސީޒަނާ ހަމައަށް 72 ކުޅުންތެރިޔަކު ހޯދުމަށް އެ ކްލަބުން 713 މިލިއަން ޕައުންޑަށްވުރެ ގިނައިން ހަރަދުކޮށްފައި ވާއިރު ފާއިތުވެދިޔަ 11 ސީޒަން ތެރޭގައި ގަނެވިއްކުމުގެ މުއާމަލާތުގައި ޗެލްސީން ފައިދާ ނަގައިފައިވަނީ މިއަހަރު އެކަންޏެވެ.

ޔޫރަޕްގެ ޓްރާންސްފާ ބާޒާރުގައި ކޮންމެ ފަހަރަކުވެސް އެންމެ ހަރަކާތްތެރި ކްލަބު ތަކުގެ ތެރޭގައި ޗެލްސީ ހިމެނެއެވެ. މިފަހަރު ބާސާއިން ފެބްރިގާޒް އާއި އެތުލެޓިކޯގެ ލެފްޓް ބެކް ގަތް ނަމަވެސް ޗެލްސީން ވަނީ ޖުމްލަ 68 މިލިއަން ޕައުންޑަށް އެ ޓީމުގެ ލުއިޒް އަދި ލުކާކޫ ވިއްކާލައި ފައިދާ ނަގާފައެވެ.

" މިވަގުތު ޗެލްސީ އަކީ ހަރަދުކުރާ ޓީމެއް ނޫން. މިވަގުތައް ބަލާއިރު އަހަރުމެން މީ އަތުން ބޭރުވާ ފައިސާ އަށްވުރެ ގިނައިން ލިބޭ ވަރު ގިނަކުރާ ބަޔެއް. އަހަންނަށް ހީވާގޮތުން ބާސެލޯނާ، ރެއާލް އަދި ބަޔާން ފަދަ ބޮޑެތި ޓީމުތަކަށް އަސްލު އެޑްވާންޓޭޖް އެބަ އޮތް،" ޔޫރޯ ސްޕޯޓްސްއަށް މައުލޫމާތު ދެމުން މޮރީނިއޯ ބުންޏެވެ.
މީގެ އިތުރުން ދާދި ފަހުން މެންޗެސްޓާއިން ރެއާލްގެ ޑި މަރިއާ ގަނެ 2011 ވަނަ އަހަރު ޓޮރޭޒް ގެންނަން ޗެލްސީން ގާއިމްކުރި ރެކޯޑް ވަނީ މުގުރާލާފައެވެ. އެއާ ވިދިގެން މޮރީނިއޯ ބުނީ ދުވަހަކުވެސް ދެން ޗެލްސީ އަކަށް އެ ރެކޯޑާ އަރާ ހަމައެއް ނުކުރެވޭނެ ކަމަށެވެ.