07 Sep 2014, 18:29
ޔޫރޯ 2016 ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށްޓަކައި މިރޭ ޑޯޓްމަންޑްގައި ކުޅޭ ގުރޫޕްސްޓޭޖު މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް ޖަރުމަނު ނުކުންނައިރު ސްކޮޓްލެންޑަށް ގެއްލޭނެ އެއްވެސް އެއްޗެށް ނެތްކަަމަށް ޖަރުމަނު ކޯޗު ޔަކިމް ލޯ ބުނެފި އެވެ.
މެޗުގެ ކުރިން ޖަރުމަނުގެ ކޯޗު ލޯ ބުނީ، މެޗުގައި ފަޅި ސިކުންތެއް ވެސް ސްކޮޓްލެންޑް ޓީމަށް ކުޅެން ޖާގަ ދީގެން ނުވާނެކަަމަށާއި ޖަރުމަނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމީ ޓީމުން މުހިންމު ކުޅުންތެރިން ތަކެއް ރިޓަޔާ ކުރުމާއި އަނެއްބައި ކުޅުންތެރީން އަނިޔާގައި ތިބުން ކަަމަށެވެ.
ޖަރުމަނު ކޯޗު ބުނީ މި ގުރޫޕުން ކޮންމެ ނަތީޖާއެއް ނުކުތްކަމުގައި ވިޔަސް ސްކޮޓްލެންޑަށް ގެއްލޭނެ އެޗެއް ނެތްކަމަށާއި އެހެންނަމަ ވެސް ދުނިޔޭގެ ޗެންޕިއަނުންނަށް އެހާލަތު ތަފާތުކަމަށެވެ.
ލޯ ބުނެފަވަނީ ސްކޮޓްލެންޑްގެ ޓީމަކީ ފެންވަރު ރަނގަޅު ކުޅުންތެރިން ތަކެއްގެ މަޗަށް އެކުލަވާލާފައިވާ ޓީމެއް ކަމަށެވެ. އަދި އިނގިރޭސި ކުލަބްތަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި ހިމެނޭކަން ލޯ ފާހަގަކުރި އެވެ.
ޖަރުމަނު ވަނީ އެންމެފަހުން އެޓީމު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި އަމިއްލަ ފަސްގަނޑުގައި އާޖެންޓީނާ އަތުން 4-2 ލަނޑުން ބަލިވެފައެވެ.
ޔޫރޯ 16 ކޮލިފައިންގައި ޖަރުމަނާއި ސޮކޮޓްލެންޑް ވާދަކުރާ މެޗު ކުޅޭނީ މިރޭ ރާއްޖެގަޑިން 11:45އެވެ.