ފަސް ފަހަރު ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ރޮޖާ ފެޑެރާ ސިއްސުވާލުމަށްފަހު ކްރޮއޭޝިއާގެ މަރިން ޗިލިޗް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ދުނިޔޭގެ ރޭންކިންގައި 14 ވަނައަށް ސީޑްކުރެވިފައިވާ ޗިލިޗް ރޭ ނިއުޔޯކް ގެ އާދަރ އާޝް ސްޓޭޑިއަމްގައި ފެޑެރާގެ އެތައް ހާސް ސަޕޯޓަރުންނެއް ރޮއްވާލީ ސީދާ ތިން ސެޓުންނެވެ.

މެޗުގައި ފެޑެރާގެ ސާވް ހަތަރު ފަހަރު ބްރޭކް ކޮށްލުމަށްފަހު ޗިލިޗް ސެޓްތައް ގެންދިޔައީ 6-3، 6-4، 6-4 ނެވެ. މިއީ ފެޑެރާގެ މައްޗަށް ޗިލިޗް ހޯދި ފުރަތަމަ ކާމިޔާބެވެ. މީގެ ކުރިން ފަސް ފަހަރު ފެޑެރާ އާ ކުޅެ ޗިލިޗް ވަނީ ބަލިވެފައެވެ.

ކާމިޔާބަށްފަހު ޗިލިޗް ބުނީ ފެޑެރާ އަށް އޮތް ސަޕޯޓްގެ އުނދަގުލާ ކުރިމަތިވިކަމަށެވެ.

" އަހަރެން މޮޅުވަމުން ދިޔައިރުވެސް އޭނާގެ މީހުން ތިބީ އޭނާ އަނބުރާ މެޗު ތެރެއަށް ގެންނަން މަސައްކަތް ކޮށްކޮށް. އަސްލު އެހާ ފަސޭހައެއްނޫން ފެޑެރާއާ ކުރިމަތިލާން. އެކަމަކު އަހަރެންނަށް އިހުސާސްވި އަހަރެންގެ ސާވް ވަރަށް ރަނގަޅުކަން. އެހެންވުމުން މޮޅަށް ކުޅެވެނު." ޗިލިޗް ބުންޏެވެ.

މިއީ ޗިލިޗް ގްރޭންޑް ސްލޭމް އިވެންޓެއްގެ ސެމީގައި ވާދަކުރި ދެވަނަ ފަހަރެވެ. ޗިލިޗް ފައިނަލުން ޖާގަ ހޯދުން ވެގެންދިޔައީ ހުރިހާ ގޮތަކުންވެސް އެންމެން ހައިރާންކުރުވި ކަމަކަށެވެ.

މިއަހަރުގެ ފައިނަލް ވެގެންދާނީ 2005 ވަނަ އަހަރުގެ ފަހުން ނަޑާލް، ފެޑެރާ ނުވަތަ ޖޮކޮވިޗް އާ ނުލައި ކުޅެވޭ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލަށެވެ.

ރޭގެ މެޗުން ބަލިވުމުން އުމުރުން މިހާރު 33 އަހަރު ވެފައިވާ ފެޑެރާ އޭނާގެ 18 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުރުމަށް ކުރަމުން އަންނަ މަސަތްކަތްތަކަށް އަނެއްކާވެސް ވަނީ ހުރަސް ތަކަކާ ކުރިމަތިވެފައެވެ. އެހެންނަމަވެސް ފެޑެރާ ބުނީ މި ނާކާމިޔާބީގެ ސަބަބުން އޭނާގެ އެ ހުވަފެނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މިއަހަރުގެ ވިމްބްލްޑަން މުބާރާތުގެ ފައިނަލުން ބަލިވުމަށްފަހު ފެޑެރާ ވަނީ މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

އިސްކޮޅުން ދިގު ޗިލިޗް ސެމީ އިން ޖާގަ ހޯދީ ކުއާޓާ ގައި ޗެކް ރެޕަބްލިކް ގެ ތޯމަސް ބާޑިޗް ބަލި ކުރުމަށްފަހުއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ޗިލިޗް ބައްދަލުކުރާނީ ޖޮކޮވިޗް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ކެއި ނިޝިކޯރީއާއެވެ.