07 Sep 2014, 17:41
ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި އިނގިރޭސި ފޯވަޑް ޑޭނީ ވެލްބެކް މެންޗެސްޓާ ޔުނައިޓެޑުން އާސެނަލްއަށް ބަދަލުވުމުގެ ސަބަބުން އިންގްލެންޑް ޓީމަށް ވެސް އޭގެ ފައިދާވާނެ ކަމަށް ކެޕްޓަން ރޫނީ ބުނެފި އެވެ.
ރޫނީ ބުނެފައިވަނީ ވެލްބެކަށް އާސެނަލް ޖާޒީގައި މޮޅަށް ކުޅެވޭނަމަ އޭގެ ފައިދާ ގައުމީ ޓީމަށްވެސް ކުރާނެ ކަމަށެވެ.
" ޑޭނީ އަކީ ހަރަކާތްތެރި، ހަލުއި އަދި އެހާމެ ގޯލާ ރައްޓެހި ކުޅުންތެރިއެއް. އަހަރެން އުއްމީދުކުރަނީ އޭނައަށް އާސެނަލްގެ ފޯވަޑް ލައިން ލީޑް ކުރެވި އިންގްލެންޑަށް އޭގެ ސަބަބުން ރަނގަޅު އަސަރެއް ކުރާނެ ކަމަށް،" ރޫނީ ބުންޏެވެ.
ރޫނީ ބުނީ، ވެލްބެކްގެ ހުނަރު ދައްކާލަން އާސެނަލްގެ ކޯޗު ވެންގާ ފުރުސަތު ދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
އުމުރުން 23 އަހަރުގެ ފޯވަޑް ރޫނީ އާ އެކީ މެންޗެސްޓާގައި ހޭދަކުރި ދުވަސްތަކުގައި ވަނީ އެ ޓީމަށް 142 މެޗް ކުޅެ 29 ގޯލް ކާމިޔާބުކޮށްދީފައެވެ.
ޑެނިއެލް ސްޓަރިޖަށް އަނިޔާވުމާ ގުޅިގެން އަންނަ ހޯމަ ދުވަހު ޔޫރޯ ކޮލިފަޔާސް ގައި ސްވިޒަލޭންޑާ ދެކޮޅަށް އިންގްލެންޑް ކުޅޭ މެޗުގައި ރޫނީ އާ އެކީ ފޯވަޑް ލައިންގައި ހަރަކާތްތެރިވާނީ ވެލްބެކް އެވެ.
އާސެނަލްގެ އޮލިވިއާ ޖިރޫޑަށް އަނިޔާވުމާ ގުޅިގެން ވެލްބެކަށް އާސެނަލްގައި ބޮޑު ރޯލެއް އަދާކުރަންޖެހޭނެކަމަށް ވަނީ ބެލެވިފައެވެ.
ޓްރާންސްފާ ބާޒާރުގެ އެއްމެ ފަހު ދުވަހު ވެލްބެކް އާސެނަލް އަށް ބަދަލުވީ 16 މިލިއަން ޕައުންޑުގެ އަގެއްގައެވެ.