18 Jan 2011, 17:31
މިއަދު ހަވީރު 20 އަހަރުގެ ޒުވާނެއްގެ ބޮލުގައި ކަތިވަޅިއަކުން ޖަހާ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ.
ސަން އަށް ކަށަވަރު ވެފައިވާ ގޮތުގައި ހަމަލާދީފައި ވަނީ މއ. ނައިޓް ވިލާ އުމުރުން 20 އަހަރުގެ އިބްރާހިމް އަބުދުﷲ (ގައްބަރޭ) އަށެެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އޭނާގެ ހާލު ކުރިން ސީރިއަސްވި ނަމަވެސް، މިހާރު ވަނީ ބޮލުގެ ސާޖަރީއެއް ހެދުމަށް ފަހު ވޯޑަށް ބަދަލުކޮށްފަ އެވެ. އެ ހަމަލާގައި ޒަޚަމްވެފައިވަނީ އޭނާގެ ބޮލުގެ ފުއްކިބަ ކަމަށާއި އެކަމުގެ ސަބަބުން އިންޓާނަލް ބްލީޑިންގެ މައްސަލަ ކުރިމަތިވި ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ.
ނަމަވެސް، މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
ފުލުހުން ބުނީ، އެ ހަމަލާ ދީފައިވަނީ މިއަދު ހަވީރު 5:15 އެހާކަންހާއިރު މާފަންނު ޝަހީދު އަލީ ހިނގުމުގައި އެ ޒުވާނާ ހުއްޓާ ސައިކަލެއްގައި ދިޔަ ދެމީހަކު ވެގެން ކަމަށާއި ހަމަލާ ދިނުމަށްފަހު އެ ދެމީހުން ފިލާފައިވާ ކަމަށެވެ.
ގަައްބަރޭއަކީ 2008 ވަނަ އަހަރު ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި އަލީ އިޝާރު )ޗޯޓޭ( މަރުގެ މައްސަލައިގެ ދައުވާ ލިބުނު މީހެކެވެ. އޭރު އޭނާ އަކީ ކުޑަ ކުއްޖެކެވެ. އެހެންނަމަވެސް އެ ފަހަރު އޭނާގެ މައްޗަށް ވަނީ ކުށް ސާބިތު ނުވެގެން ދޫކޮށް ލައިފަ އެވެ.
މީގެ އިތުރުން ވެސް ފިނޭންސް މިނިސްޓްރީ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި މައްސަލައަކާ ގުޅިގެން ވެސް ގައްބަރޭގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ. އެހެންނަމަވެސް އެ ފަހަރުވެސް އޭނާގެ މައްޗަށް ވަނީ ކުށް ސާބިތު ނުވެފައެވެ.
މީގެ ދެދުވަސް ކުރިން މާލޭގެ ރިލެކްސްއިން ކައިރީ ސައިކަލެއްގެ މަތީގައި އިން ޒުވާނެއްގެ ލޮލަށް ވެސް ވަނީ ވަޅިހަރާފަ އެވެ.