07 Sep 2014, 17:00
ރާއްޖޭގެ އަމިއްލަ ކޮލެޖަކުން ފަރުމާކޮށްގެން ފެށި ފުރަތަމަ މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ޕްރޮގްރާމް، އަމިއްލަ ކޮލެޖެއް ކަމަށްވާ ސައިރިކްސް ކޮލެޖުގައި ފަށައިފި އެވެ.
ސައިރިކްސް ކޮލެޖުގެ ޑީން އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ، އިއްޔެ އެ ކޮލެޖުގައި ފެށި އެމްބީއޭ ޕްރޮގްރާމަކީ ރާއްޖޭގެ އަމިއްލަ ކޮލެޖަކުން ފަރުމާކޮށްގެން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދަ ލިބިގެން ރާއްޖޭގައި ހިންގަންފެށި ފުރަތަމަ އެމްބީއޭ ޕްރޮގްރާމް ކަމަށެވެ. އަދި އެއީ އެ ކޮލެޖުގެ ފުރަތަމަ މާސްޓާސް ޑިގްރީ ޕްރޮގްރާމް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައިރިކްސް ކޮލެޖުން އަމިއްލަ އަށް ފަރުމާކޮށްގެން ފެށި ފުރަތަމަ އެމްބީއޭ ޕްރޮގްރާމްގެ ބައިވެރިން --- ފޮޓޯ/ ސައިރިކްސް
"މިދިޔަ މެއި މަހު ފުރުސަތު ހުޅުވާލާ އެ ޕްރޮގްރާމް މިދިޔަ މަހު މިހަމަވީ. އެ ޕްރޮގްރާމަށް 40 އަށް ވުރެ ގިނަ ދަރިވަރުން އެޕްލިކޭޝަން ހުށަހެޅި. ޝަރުތުތަކަށް ބެލުމަށް ފަހު 30 ދަރިވަރުންގެ ނަގާ، އިއްޔެ ވަނީ ކިޔަވައިދޭން ފަށާފައި،" ޑީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ޕްރޮގްރާމުގައި ކިޔަވައިދޭނީ ކަމާގުޅޭ ދާއިރާތަކުން ޕީއެޗްޑީ ހާސިލްކޮށްފައިތިބި ލެކްޗަރުން ކަމަށެވެ. އަދި ބައެއް މޮޑިއުލްތަކުގައި ބޭރުގެ ބައެއް ތަޖުރިބާކާރުން ވެސް ކިޔަވައިދެއްވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.
ސައިރިކްސް ކޮލެޖުގެ އެމްބީއޭ ޕްރޮގްރާމް ކުރިއަށްދާނީ ބްލޮކް މޯޑަށެވެ. އަދި ނުވަ މޮޑެލް ހިމެނޭ އެ ޕްރޮގްރާމް އެއް އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ކޮލެޖުން ބުންޏެވެ.