ހައްޖު ކޯޓާ ލިބިފައިވާ އަދަދަށް ވުރެ އިތުރަށް މި އަހަރު ފަތުހު ކުންފުނީގެ ފަރާތުން ބައެއް މީހުންގެ އަތުން ނަގާފައިވާ ފައިސާ އަނބުރާ އެ ފަރާތްތަކާ ހަވާލުކުރަން ފަށައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފަތުހު ކުންފުންޏަށް ފައިސާ ދެއްކި ބައެއް ފަރާތްތަކުގެ ތެރެއިން ކޯޓާ ނުލިބިގެން ހައްޖަށް ނުދެވުނު ބައެއް މީހުންނަށް އެ ކުންފުނިން މިހާރު ވަނީ ފައިސާ ހަވާލުކޮށްފަ އެވެ. ނަމަވެސް އަދިވެސް ބައެއް ފަރާތްތަކަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާތައް އެފަރާތްތަކުން ގެންދަނީ ކުރަމުންނެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމަށް ފަސް ކުންފުންޏަކަށް ވަނީ ކޯޓާ ދޫކޮށްފަ އެވެ. ކޯޓާ ދޫކުރި ފަސްކުނީގެ ތެރޭގައި ހިމެނޭ ފަތުހު ކުންފުންޏަށް ލިބިފައި ވަނީ 125 ކޯޓާ އެވެ. އަދި ކޯޓާ އަށް ވުރެ އިތުރަށް އެކުންފުނިން ފައިސާ ނެގި މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އެ އަދަދަކީ ކިހާވަރެއް ކަމެއް ކަމެއް ނޭނގެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މަައްސަލަ ފުލުހުންނަށް މިދިޔަ މަހުގެ 31ގައި އިސްލާމިކް މިނިސްޓްރީ އިން ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެ ޖަމާއަތަށް ފައިސާ ދެއްކި މީހަކު މިއަދު ބުނީ އެ ޖަމާއަތުގެ އެހީގައި އޭނާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮއެއްގެ ބަފައިބެ ހައްޖަށް ގެންދިއުމަށް ޓަކައި ކޮންމެ މީހަކަށް 70،000 ރުފިޔާ އެ ކުންފުންޏަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން މިހާރު ނެތް އިރު އެ ފައިސާ އަދިވެސް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ހައްޖަށް ދެވޭނެ ކަމަށް ބަލައިގެން އެ ކުންފުންޏަށް ފައިސާ ވަނީ ހަވާލުކޮށްފައި، އަނެއްކޮޅުން ރަށުގައި ހުރެފައި ކޮންމެ ފަހަރަކު އެ ޖަމާއަތުގެ ފަރާތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކަށް އަންނަން ވެސް އެހާ ހަރަދު ދިޔަ، ހުރިހާ ތައްޔާރީތަކެއްވެ، ފޮއްޓާއި އެއްޗެހި ވެސް ވަނީ ގަނެފައި،" އެމީހާ ބުންޏެވެ.

އެކަމާ ގުޅިގެން ފަހަތު ކުންފުނީގެ އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.