07 Sep 2014, 16:28
ކޮލަންބޯ (ސެޕްޓެމްބަރ 7) : ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ދެކުނު އޭޝިޔާގެ ގައުމުތަކަށް ފައްޓަވާފައިވާ ރަސްމީ ދަތުރުފުޅުގައި މިއަދު ސްރީލަންކާގެ ވެރިރަށް ކޮލަންބޯއަށް ވަޑައިގެންފި އެވެ.
އަބޭ ސްރީލަންކާއަށް ވަޑައިގަތީ ޖަޕާން ސަރުކާރުގެ ބައެއް ވަޒީރުންނާއި އެގައުމުގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންގެ ވަފްދަކާއެކުގަ އެވެ. މިއަދު ހަވީރު އޭނާ ސްރީލަންކާގެ ރައީސް މަހިންދަ ރަޖަޕަކްސައާ ބައްދަލުކުރައްވާނެ އެވެ. އަދި މާދަމާ ސްރީލަންކާއާއި ޖަޕާނާ ދެމެދު ބައެއް އެއްބަސްވުންތަކުގައި ދެފަރާތުގެ މަސްއޫލުވެރިން ސޮއިކުރައްވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަބޭ ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި އިއްޔެ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ކުރެއްވި މަޝްވަރާތައް ބިނާކުރެއްވީ ޖަޕާނުގެ ކުންފުނިތަކުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ބަންގްލަދޭޝްގައި ކުރުމާ ބެހޭ ގޮތުންނާއި ބަންގްލަދޭޝްގެ ސަރުކާރުން ހިންގާ ތަރައްގީގެ ބައެއް މަޝްރޫޢު ތަކަށް ޖަޕާނުން މާލީ އެހީއާއި ފަންނީ އެހީ ދިނުމާ ބެހޭ ގޮތުންނެވެ. ސްރީލަންކާ އަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އަބޭ ވިދާޅުވީ ސްރީލަންކާއާ އެކު ވިޔަފާރިއާއި އިގްތިސާދީ ބަދަހި ގުޅުންތަކެއް އުފެއްދުމަށް ޖަޕާން ބޭނުންވާ ކަމުގަ އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ދެކުނު އޭޝިޔާގެ ގައުމުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ މަގްސަދަކީ ޖަޕާނާ ވާދަވެރި ޗައިނާ އިން ދެކުނު އޭޝިޔާގެ ގައުމުތަކުގައި ކުރަމުންގެންދާ ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތަކާ ގުޅިގެން ދެކުނު އޭޝިޔާގެ ގިނަ ގައުމުތަކުގައި އުފެދިފައިވާ ޗައިނާގެ ބާރާއި ނުފޫޒާ ކުޑަކުރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިކަމަށް ޓަކައި ދެކުނު އޭޝިޔާގެ ގައުމުތަކުގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ގަސްދުކުރާކަން އެގައުމުން ވަނީ ހާމަކޮށްފަ އެވެ. ޖަޕާނުގެ އިގްތިސާދީ ބުރަދަނާ ގާތްކުރާ މިންވަރަކަށް ވެސް ދެކުނު އޭޝިޔާގައި ޖަޕާނުން އިންވެސްޓް ނުކުރާކަން އެގައުމުގެ މީޑިޔާ އިން ވެސް ދާދިފަހުން ވަނީ ހާމަކޮށްފަ އެވެ.
މިއާޚިލާފަށް ޖަޕާނާ ވާދަވެރި ޗައިނާއިން ގެންދަނީ ދެކުނު އޭޝިޔާގެ ގައުމުތަކުގައި އިންވެސްޓްކޮށްގެން އެގައުމުތަކުގެ އިގްތިސާދީ ލޭނާރުތަކުގެ ތެރެއަށް ވަންނަމުންނެވެ. (ރޮއިޓާސް)