ހައްޖަށް މީހުން ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާއާ ދެކޮޅަށް 12 މީހަކު ހެކިބަސްދީފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން 12 މީހުން ވެސް ބުނެފައިވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު "ފައިސާ ލިބުނުކަމުގެ ލިޔުން" ވެސް މަލީޝާއިން އެމީހުންނަށްދީފައިވާ ކަމަށެވެ.

ޝަރީއަތުގައި ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުން އެމީހުން ބުނީ މަލީޝާ މެދުވެރިކޮށް ހައްޖަށް ނުދެވޭނެކަމުގެ އަޑުތައް ފެތުރެން ފެށުމާއެކު އެކަމާ ސުވާލުކުރުމުން ހައްޖަށް ދެވޭނެ ކަމަށް އިސްމާއިލް އަބްދުއްލަތީފް ބުނި ކަމަށެވެ.

މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ދައުލަތުން ހުށަހެޅި ދެ މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ.

ހިޖްރީ ގޮތުން 1433 ވަނަ އަހަރު މީހުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 126 މީހެއްގެ އަތުން މަލީޝާ އިން ވަނީ ފައިސާ ނަގައިފަ އެވެ. އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް 87 މީހަކު ހެކީންގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި ދައުވާ އަށް ޖަވާބުދާރީވަމުން އިސްމާއީލް އަބްދުއްލަތީފް ބުނީ ހައްޖަށް ގެންދިޔުމަށް އެތައް ބައެއްގެ އަތުން ނެގި 8.6 މިލިއަން ރުފިޔާގެ ތެރެއިން ހަ މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ މައްކާގައި ހައްޖުވެރިން ތިބޭނެ ގެތައް ކުއްޔަށް ހިފުމަށް ހަރަދުކޮށްފައިވާ ކަމަށެވެ.

ބާކީ ހުރި ފައިސާ އަށް ހެދީ ކިހިނެތްތޯ އިސް ގާޒީ އެއްސެވުމުން އޭގެ ތަފްސީލުތައް ޝަރީއަތަށް ކިޔައިދުނުމުގެ ބަދަލުގައި އެދުވަހު އޭނާ ބުނީ އޭގެ ތަފްސީލުތައް ލިޔުމުން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އޭނާ ބުނެފައި ވަނީ އެ ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ތިން މީހަކަށް އަނބުރާ ފައިސާ ހަވާލުކޮށްފައިވާނެ ކަމަށާއި އެއީ ކ. ހުރަ އަށް ނިސްބަތްވާ ތިން މީހުން ކަމަށެވެ.

އޭނާ ބުނެފައި ވަނީ ހައްޖަށް ގެންދިޔުމުގެ ހުއްދަ ނުލިބެނީސް ހައްޖަށް ގެންދިޔުމަށް ޓަކައި ފައިސާ ނަގަން ފަށާފައިވާ ކަމަށެވެ. އަދި ބުނީ އެގޮތަށް އަމަލުކުރީ ސައުދީ ސަރުކާރުން ދޫކުރާނެ ކަމަށް ބުނި 500 ކޯޓާގެ ތެރެއިން ކޯޓާ ދޫކުރާނެ ކަމުގެ ލިޔުމެއް އިސްލާމިކް މިނިސްޓްރީން އެ ޖަމާއަތަށް ދޫކުރުމުން ކަމަށެވެ.