07 Sep 2014, 15:41
ރާއްޖެއިން ތެޔޮ ހޯދުމަށް ކުރި ދިރާސާގެ ތަފްސީލީ މައުލޫމާތު ލިބޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ ޖަރުމަނުގެ ޔުނިވާސިޓީ އޮފް ހަމްބާގްގެ ސައިންސްވެރިން ރާއްޖޭގައި ކުރި ދިރާސާ މިދިޔަ މަހުގެ 24 ވަނަ ދުވަހު ނިންމާލުމަށްފަހު އެމަނިކުފާނަށް ކޮންމެވެސް ވަރެއްގެ ޕްރެޒެންޓޭޝަނެއް ދީފައިވާ ކަމަށެވެ. އަދި އޭގެ ތަފްސީލީ މައުމޫލާތު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ސާވޭގެ ފުރިހަމަ ތަފްސީލް ދޭނެކަމުގެ ޔަގީންކަން ސައިންސްވެރިންގެ ޓީމްދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެބޭފުޅުން އެވަޑައިގަތީ ސާމްޕަލްތަކާ ނެގި ހުރިހާ މައުލޫމާތުތަކާ އެއްކޮށް އިތުރަށް ޕްރޮސެސްކޮށްފައި އޭގެ ޑީޓެއިލް ޕްރެޒެންޓޭޝަނެއް އަޅުގަނޑަށް މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ހަދައިދޭނެ ކަމުގެ ޔަގީންކަން ދީފަ. އެހިސާބުން ހެދި ސާވޭގެ ފުރިހަމަ ޑީޓެއިލް އަޅުގަނޑުމެންނަށް ލިބޭނީ،" ޑރ. ޝައިނީ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސައިންސްވެރިން ކުރި ދިރާސާގައި މިހާތަނަށް ނޭނގޭ އެތަކެއް މައުލޫމާތުތަކެއް އެނގިވަޑައިގެންފި ކަމަށާއި ނަމަވެސް އެއީ ސެންސިޓިވް މައުލޫމާތުތަކަށް ވާތީ އެ މައުލޫމާތުތައް ހިއްސާ ކުރެވެން ނެތް ކަމަށެވެ.
"މީގެކުރިން އަޅުގަނޑުމެންނަށް ނޭނގޭ އިތުރު ކަންތައްތަކެއް އަޅުގަނޑުމެންނަށް ފެނުނާއި އެނގުމާއި މިކަހަލަ ކަންތައްތަކެއް އެބަހުރި. ނަމަވެސް އެވާހަކަތަކަކީ މިހާރު އަޅުގަނޑަށް ދެންނެވޭނެ ވާހަކަތަކެއް ނޫން. އެއީ ވަރަށް ސެންސެޓިވް މައުލޫމާތުތަކަށް ވާތީ،" ޑރ. ޝައިނީ ވިދާޅުވި އެވެ.
ރާއްޖެއިން ތެޔޮ ހޯދުމުގެ ދިރާސާކޮށްފައި ވަނީ ލ. އަތޮޅާއި ތ. އަތޮޅާ ދޭތެރޭ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 100 މޭލެއްހާ ބޭރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.