07 Sep 2014, 15:05
މެޖިސްޓްރޭޓަކު މައްސަލަ ބެލުމަށް ތަނާޒުލް ވެއްޖެ ނަމަ އެ މައްސަލަ ބެލުމަށް އެހެން މެޖިސްޓްރޭޓަކު ހަމަޖައްސައި ދިނުމަށް އެދެންޖެހޭނީ ސުޕްރީމް ކޯޓުގައި ކަމަށް ކަނޑައަޅައިފި އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ސޮއިކުރައްވައި ސުޕްރީމް ކޯޓުން ނެރުނު އާންމު ސިޓީއެއްގައި ވަނީ މެޖިސްޓްރޭޓަކު މައްސަލަ ބެލުމަށް ތަނާޒުލް ވެއްޖެ ހާލަތެއްގައި އެ މައްސަލައެއް ބަލާނެ އެހެން މެޖިސްޓްރޭޓަކު ހަމަޖައްސައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގައި އެދެމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ސިޓީގައި ވަނީ ސުޕްރީމް ކޯޓަކީ އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެ މަތީބާރު ކަމަށްވެފައި، 2011 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 10 ވަނަ ދުވަހު އެ ކޯޓުން ނެރެފައިވާ ސާކިއުލާގެ ދަށުން އެފަދަ ހާލަތްތަކުގައި މައްސަލަ ބަލާނެ ފަނޑިޔާރެއް ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
".... މައްސަލަ ބަލަމުންދާ މެޖިސްޓްރޭޓަކު މައްސަލައަކުން ތަނާޒުލް ވެއްޖެ ނަމަ، އެ މައްސަލައެއް ބެލުމަށް މެޖިސްޓްރޭޓަކު ހަމަޖެއްސުމަށް ލިޔާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމުގައި ދަންނަވަމެވެ،" ސުޕްރީމް ކޯޓުން ނެރުނު އާންމު ސިޓީގައިވެ އެވެ.