މަސް ބާނަން ނުކުންނަން އުޅެނިކޮށް، ޖެހި ރާޅަކާ ދޯނި ބަންޑުން ޖަހާލައި ހިނގި އެކްސިޑެންޓްގައި ކަނާތު ފައިގެ ބުރިކޮށްލާފައިވާ ރ. ރަސްގެތީމު ކައުންސިލްގެ ރައީސް އަލީ ނަޖީބު އަލުން އެ ރަށު އޮފީހުގެ މަސައްކަތަށް ނިކުންނަވަން ފަށައި އެވެ.

ނަޖީބު މިއަދު ސަން އަށް ވިދާޅުވީ އެ ހާދިސާ އަށް ފަހު އޭނާ އަލުން އޮފީހުގެ މަސައްކަތަށް ނިކުންނަވާފައި ވަނީ މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ކަމަށެވެ. އަދި އެ ހާދިސާއަށް ފަހު އޭނާގެ ފައި ބުރި ކޮށްލަންޖެހުނު ނަމަވެސް އޮފީހުގެ މަސައްކަތްތަކުގައި އޮފީހުގެ މުވައްޒަފުންގެ އިތުރުން ރަށު ރައްޔިތުންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް ވެސް ނަޖީބު ވިދާޅުވި އެވެ.

"ހަމައެކަނި ދަތިވާތަން ކޮޅަކީ ފައިނެތް ކަން. ސިވިލް ސާވިސްގެ މުވައްޒަފުންނާއި އޮފީހުގެ އެންމެންގެ ވެސް ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ލިބޭ ރައްޔިތުން އޮފީހަށް ގެނައުމުގެ ބަދަލުގައި އެމީހުން ކައިރިއަށްދާން ބޭނުން،"

އެކްސިޑެންޓަށް ފަހު އައިޖީއެމްއެޗުން ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި ރަށަށް ވަޑައިގެންނެވީ މަސްނޫނީ ފަޔެއް ޖަހައިދޭނެ ކަމުގެ ޔަގީންކަން އައިޖީއެމްއެޗުން ލިބުމުން ކަމަށާއި އެ ފައި ހަ މަސް ނޫނީ އަށް މަސް ދުވަހުގެ ތެރޭގައި ޖޭހޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މާލެއިން ނުވަތަ ރާއްޖެ އިން ބޭރުން ނަމަވެސް ފައިޖެހޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަޔެއް ޖެހުމަށް ފަޔަށް ގެންނަން ޖެހޭ ބަދަލުތައް އަމަލީ ގޮތުން އޮޕަރޭޝަނަށް ފަހު މިހާރު ވަނީ ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.

ރަސްގަތީމު ކަނޑިންމައާ ދިމާލު ބޭރުން ނެގި ރާޅަކާ އެކު ތޮށިގަނޑާއި ދޯންނާ ދޭތެރޭ ފައި ތާށިވެ، ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނަޖީބުގެ ކަނާއަތު ފައިގެ ކަކުލު ހުޅާދިމާލުން ބުރިކޮށްލީ ފައި ޗިސްވެ، ލޭނާރުތައް ބުރިވެ، ފައިގެ ދިރުން ނެތިދިއުމުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.