07 Sep 2014, 14:14
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެ ކުންފުންޏާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އދ. ދަނގެތީގައި ވެސް ފާމަސީއެއް ހުޅުވައިފި އެވެ.
އެސްޓީއޯ އިން ބުނީ ދަނގެތީގައި ހުޅުވި "އެސްޓީއޯ ފާމަސީ އދ. ދަނގެތި" އިން އާސަންދައާ އެކު މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. ދަނގެތީގައި ހުޅުވި ފާމަސީއާ އެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ 23 އަށް ބަދަލުވެފަ އެވެ.
އެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯ އިން ޝުކުރުވެރިކަމާ އެކު ފާހަގަ ކުރެ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށެވެ.
ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.