ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނީ އޮނިގަނޑަށް ހޭލުން ތެރިކުރުމަށް މަސައްކަތް ޔޫއެންޑީޕީން ފަށާފައިވާ "ޑިޑް ޔޫ ނޯ؟" ކެންޕޭނުގެ ދަށުން ފަށާފައިވާކަމަށް ޔޫއެންޑީޕީން ބުނެފި އެވެ.

ޔޫއެންޑީޕީގެ އެކްސްސް ޓު ޖަސްޓިސް ޕްރޮގްރާމުގެ މެނޭޖަރ ނާޒް އައިމިނިތު މިއަދު ވިދާޅުވީ، ބިދޭސީން ހޭލުންތެރިކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނީ އޮނިގަނޑާ ބޭހޭ މައުލޫމާތު ހިމެނޭ ލީފްލެޓްތަކެއް ބަންގާޅި ބަނުންނާއި ހިނދީ ބަހުންނާއި އަދި އިނގިރޭސި ބަހުން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނާޒް ވިދާޅުވި ގޮތުގައި، ހިނދީ ބަހުންނާއި ބަންގާޅި ބަހުން ލީފްލެޓްތައް ތައްޔާރު ކުރަނީ ރާއްޖޭގައި އެންމެ ގިނައިން މަސައްކަތް ކުރަނީ އެ ދެބަހުން ވާހަކަ ދައްކާ މީހުން ކަމަށް ވާތީ އެވެ. އޭގެ ތެރެއިން ރާއްޖޭގެ ގާނޫނީ އޮނިގަނޑާމެދު އެންމެ ހޭލުންތެރިކަން ކުޑައީ ބަނގުލަދޭޝް ރައްޔިތުންކަން މިދިޔަ އަހަރު ޔޫއެންޑީޕީން ކުރި ސާވޭއަކުން ދައްކާ ކަމަށް ވެސް ނާޒް ވިދާޅުވި އެވެ.

"ބަނގުލަދޭޝްގެ ގިނަ ބަޔަކަށް ނޭގޭ ރާއްޖޭގައި އެމްޕްލޯއިމަންޓް ޓްރިބިއުނަލްއެއް އޮންނަކަންވެސް. ވަޒީފާ އަދާކުރާ މީހުންނަށް ލިބިދޭ ހައްގުތައްވެސް ވަރަށް މަދު މީހަކަށް ނޫނީ ނޭނގޭ. ނަމަވެސް ސްރީލަންކާ ފަދަ ގައުމުތަކުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކަމަށް ފާހަގަކުރެވޭ." ނާޒް ވިދާޅުވި އެވެ.
އެހެންކަމުން ބަނގުލަދޭޝް ރައްޔިތުން ހޭލުންތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫއެންޑީޕީން ބޭރު ބަހުން ތައްޔާރު ކުރާ ލީފްލެޓްތައް މަހެއްހާ ދުވަހުގެ ތެރޭގައި ތައްޔާރުކޮށް ނިމޭނެ ކަމަށާއި އެ ތަކެތި ބިދޭސީންނަށް ފޯރުކޮށްދޭނީ ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތައް މެރުވެރިކޮށް ކަމަށެވެ.
ޑިސެންބަރު 23، 2010 ގައި ފެށި އެ ކެންޕޭނުގައި މިހާތަނަށް މާލެ އާއި ހުޅުމާލެއިން 1500 ގެއަކަށް ޔޫއެންޑީޕީގެ ވޮލެންޓިއަރުން ގޮސް މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް ޔޫއެންޑީޕީން ބުނެ އެވެ.