އިރާގުގެ ކިރްކުކް ނަމަކަށް ކިޔާ ޝަހަރުގެ ކައިރީގައިވާ ހަވީޖާ ނަމަކަށް ކިޔާ ރަށުގައި ހުރި ކުޑަކުދިންގެ ހޮސްޕިޓަލަކަށް އިރާގު ސިފައިން ބޮން އަޅައި، އެ ހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ ތެރެއިން ހަތް މީހުން މަރާލައި 22 މީހަކު ޒަހަމްކޮށްލައިފި އެވެ.

ތުރުކީގެ އަނަޑޮލޫ ނިއުސް އެޖެންސީން މިއަދު ބުނީ އެހަމަލާގައި މަރުވި މީހުން އަދަދުކޮށްފައި ވަނީ ކުޑަކުދިން ވެސް ހިމެނޭ ގޮތުން ކަމަށެވެ. އަދި ބުނީ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލޭވެންޓް (އައިއެސްއައިއެލް) އާއި އެހެނިހެން ހަނގުރާމަވެރިން ކޮންޓްރޯލް ކުރާ ހަވީޖާގެ ހޮސްޕިޓަލަށް އިރާގު ސިފައިން ދިން ހަމަލާއަކީ އެ ސަރަހައްދުގައި އިރާގު ސިފައިން ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ބައެއް ކަމަށެވެ.

ހޮސްޕިޓަލަށް ދިން ހަމަލާއާ ބެހޭ ގޮތުން އިރާގު ސަރުކާރުގެ ބަހެއް އަދި ނުލިބޭ ކަމަށް އަނަޑޮލޫ ނިއުސް އެޖެންސީން ބުންޏެވެ. އަދި ބުނީ އައިއެސްއައިއެލް އިން ކޮންޓްރޯލް ކުރާ، އިރާގުގެ ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބައި ވަރުގެ ސަރަހައްދުގައި މަރުވާ އާއްމުންގެ އަދަދުތައް ހޯދަން ސަލާމަތީ ސަބަބުތަކާ ހެދި ދަތިވާ ކަމަށެވެ.

އެމެރިކާ ސަރުކާރުން ބުނެފައި ވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް އިރާގުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދީފައިވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ އިރާގުގައި އައިއެސްއައިއެލްއާ ދެކޮޅަށް ވައިގެ ހަމަލާތައް ދިނުމުގެ ހުއްދަ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވި ފަހުން މިހާތަނަށް 133 ހަމަލާ ދީފައިވާ ކަމަށެވެ.

އައިއެސްއައިއެލް އިން އިރާގާއި ސޫރިޔާގައި ކޮންޓްރޯލް ކުރާ ސަރަހައްދުގައި "އިސްލާމީ ދައުލަތް" މި ނަމުގައި އެޖަމާއަތުން ވަނީ ދައުލަތެއް އިއުލާނުކޮށްފަ އެވެ. ރޮއިޓާސް ނިއުސް އެޖެންސީން މިމަހުގެ ހަތަރުވަނަ ދުވަހު ބުނެފައި ވަނީ އައިއެސް އައިއެލް އިން އިއުލާނުކޮށްފައިވާ ދައުލަތުގެ ވެރިރަށުގެ ގޮތުގައި ބަލަމުން އަންނަ ސޫރިޔާގެ ރައްގާގައި އެޖަމާއަތުން ވަރަށް އިންތިޒާމު ރަނގަޅު ސަރުކާރެއް ހިނގަމުން އަން ކަމަށެވެ. އެގޮތުން އެ ރަށުގައި ދޭން ޖެހޭ އާއްމު އިޖުތިމާއީ ހުރިހާ ހިދުމަތެއް ވެސް އެޖަމާއަތުން ދެމުން އަންނަ ކަމަށް އެ ޖެންސީން އިއްޔެ ބުންޏެވެ.

އިސްލާމީ ދައުލަތުގެ ނަމުގައި އިއުލާނުކޮށްފައިވާ ދައުލަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއާ އެއްބާރު ލުމަށް ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)ގެ ނުވަ ގައުމަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ. އަދި އެހަނގުރާމައިގައި މެދުއިރުމަތީގެ އަރަބި ގައުމުތައް ބައިވެރި ކުރުމަށް ބާރުއެޅުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވަޑައިގަނަންވަނަވާނެ ކަން ވެސް އެމެރިކާއިން ވަނީ އިއުލާނުކޮށްފަ އެވެ.