07 Sep 2014, 13:52
މިދިޔަ ޖުލައި މަހު އެމްޑީޕީން ބޭއްވި ހިނގާލުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ގެކޮޅުކައިރިއަށް އެއްވެސް މުޒާހަރާ ކުރި ކަމަށްބުނެ ކުރިއަށްގެންދާ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ސުވާލު ކުރަން ޖެހޭ ފަރާތްތައް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލު ކުރަމުންދާ ކަމަށެވެ.
"އެ މައްސަލައިގެ ތަހުގީގު އަދިވެސް ވެސް ދަނީ ކުރިއަށް. ސުވާލު ކުރަންޖެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލު ކުރަމުން ދަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ޕޮލިސް ކޮމިޝަނަރަށް އަންގަވާފައި ވަނީ އެ މުޒާހަރާގައި އިސްކޮން އުޅުނު ފަރާތްތަކުގެ މައްސަލަތައް ތަހްގީގު ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވުމަށެވެ. ސަބަބަކީ ދައުލަތުގެ ވަޒީރުންގެ ގެކޮޅު ކައިރިއަށް އެއްވެ މުޒާހަރާ ކުރުމަކީ އެއްވެ އުޅުމާ ބެހޭ ގާނޫނުގެ ދަށުން މަނާކަމެއް ކަމުގައި ވާތީ އެވެ.
އެ ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ތެރޭގައި މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުއާއި އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހިމެނިވަޑައިގަންނަވަ އެވެ.
ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ވަކި މީހަކާ ދެކޮޅަށް މުޒާހަރާ ކުރުމަށްޓަކައި އެމީހަކު ދިރިއުޅޭ ގޭގެ ކައިރީގައި ނުވަތަ ދިރިއުޅޭ ފްލެޓެއް ނުވަތަ އެފަދަ ތަނެއްގެ ކައިރީގައި އަޑުގަދަކުރާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އެއިން ތަނަކަށް އެއްވެ ހުއްޓި ތިބޭގޮތަށް ނުވަތަ އިށީނދެ ތިބޭގޮތަށް އެއްވުމެއް ބޭއްވުމަކީ މަނާކަމެއް ކަމަށެވެ.
މިނިސްޓަރު ޝަހީމްގެ ގެކޮޅު ކައިރި އަޑު ގަދަ ކުރާ ބޭނުން ކޮށްގެން މުޒާހަރާ ކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ތަހްގީކުރުމަށް ހޯމް މިނިސްޓަރު އެންގެވި ފަހުން މިހާރު ވަނީ ދޮޅުމަސް ފާއިތުވެފަ އެވެ.