ދިވެހި ރެޑް ކްރެސެންޓް (އެމްއާރުސީ)ގެ ފަރާތުން މާލެ އަށް ދެ އުޅަނދެއްގައި އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެމްއާރުސީ އިން މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައި ދެއްވީ، ރަސްމިއްޔާތު ޝަރަފްވެރި މެހްމާނާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއާރުސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ފުއާދު ވިދާޅުވީ، "ސަޕޯޓް ސާވިސް"ގެ ނަމުގައި އެމްއާރުސީ އިން ދޭން ފެށި އެ ހިދުމަތަކީ އަޖުމަ ބެލުމުގެ ގޮތުން އެއް އަހަރު ދުވަހަށް ދޭން ފެށި ހިދުމަތެއް ކަމަށެވެ.

އެ ހިދުމަތުގެ ދަށުން ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ގެންގޮސްދޭނެ ކަމަށާއި އެ ހިދުމަތުގައި އެމްއާރުސީގެ ފަސްޓް އެއިޑް ޓްރެއިނިން ލިބިފައި ތިބި ފަންނީ ބޭފުޅުން ހަރަކާތްތެރިވާނެ ކަމަށެވެ.

ސިންގަޕޫރުގެ ރެޑް ކޮރޮސް އިން ދިވެހި ރެޑް ކްރެސެންޓަށް ހަދިޔާކޮށްފައިވާ އެމްބިއުލާންސް-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ފުއާދު ވިދާޅުވީ، ސިންގަޕޫރުގެ ރެޑް ކޮރޮސް އިން ދިވެހި ރެޑް ކްރެސެންޓަށް ހަދިޔާކޮށްފައިވާ ދެ އެމްބިއުލާންސް އިން ދޭން ހަމަޖެހިފައިވާ އެ ހިދުމަތަށް އަމިއްލަ ފަރުދުންގެ އިތުރުން ބައެއް ހާއްސަ ހަރަކާތްތަކާއި ރަސްމިއްޔާތުތަކަށް ވެސް ފީއަކާ އެކު ފޯރުކޮށްދޭނެ ކަމަށެވެ.

"އަމިއްލަ ފަރުދުންނަށް ދަތުރަކަށް 50 ރުފިޔާގެ ފީއެއް ނަގާނެ. އަދި ހަރަކާތްތަކަށާއި ރަސްމިއްޔާތުތަކަށް ގަޑިއިރަކަށް 200 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވޭ،" އެމްއާރުސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ހިދުމަތް މާލޭގައި ފަށާފައިވާ އިރު، ހުޅުމާލޭގައި އެ ހިދުމަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އެއް އަހަރު ދުވަހު އަޖުމަ ބެލުމަށް ފަހު އެ ހިދުމަތް ފުޅާކުރާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

އެމްއާރުސީގެ "ސަޕޯޓް ސާވިސް"ގެ ޚިދުމަތް ހޯދުމަށް ގުޅަން ޖެހޭ ނަމްބަރަކީ 7879396 އެވެ.