ދުނިޔޭގެ އެކި ހިސާބުތަކުން 500 ކައްކާއިންނާ އެކު ބައިނަލްއަގުވާމީ "ކަލިނަރީ ޖެލެންޖް"އެއް މިއަދު ފަށައިފި އެވެ.

ޓޫރިޒަމް ދާއިރާ އަށް ހާއްސަކޮށްގެން "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2014"ގެ ނަމުގައި މިހާރު ދަރުބާރުގޭގައި ކުރިއަށްދާ އެ ޗެލްންޖްގައި ދުނިޔޭގެ އެކި ހިސާބުތަކުން 500 ކައްކާ އިން ބައިވެރިވެފައިވާ އިރު އެއީ ރާއްޖޭގެ 52 ރިސޯޓެއްގައި މަސައްކަތްކުރާ ދުނިޔޭގެ އެކި ހިސާބުތަކުގެ ކައްކާ އިން ނެވެ.

އެއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖެ އެވެ. އެ ޖެލެންޖްގައި ޖަޖްކަން ކުރައް ވާނީ ދުނިޔޭގެ އެކި ހިސާބުތަކުން ހޮވާލާފައިވާ 16 ޖަޖުންގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލް އަކުންނެވެ. އޭގެ އިތުރުން އެ ޗެލެންޖްގައި ވަނަ ވަނަ އަށް ހޮވޭ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި ދެން އޮންނަ ބައިނަލްއަގުވާމީ ކަލިނަރީ ޗެލެންޖް ފަދަ ތަންތަނަށް ދިއުމުގެ ޓިކެޓް ލިބެ އެވެ.

ޓޫރިޒަމް ދާއިރާ އަށް ސަޕްލައި ކުރުމުގައި ރާއްޖެ އާއި ރާއްޖޭން ބޭރުން ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ 150 ސްޓޯލްއެއް އެ ފެއާގައި ވަނީ ހިމަނައިފަ އެވެ. އެ ސްޓޯލްތަކުން ފަތުރުވެރިކަމަށް ބޭނުންވާ ތަފާތު ތަކެތި ލިބެން ހުރެ އެވެ. އެގްޒިބިޝަން ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.

ކަލިނަރީ ޗެލެންޖް މިއަދު ފަށާފައިވާ އިރު އެގްޒިބިޝަން އާއި ކަލިނަރީ ޗެލެންޖް ވެސް މިމަހު 10 ވަނަ ދުވަހާ ހަމައަށް ދަރުބާރުގޭގައި ކުރިއަށް ދާނެ އެވެ.