07 Sep 2014, 12:57
ރާއްޖެ އަށް ޑޮކްޓަރުން ގެނައުމަށް މެޑިކަލް ކައުންސިލްގެ ބައެއް މެމްބަރުންނާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ރާއްޖެ އިން ބޭރަށް ގޮސް މަސައްކަތް ފަށައިފި އެވެ.
ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ބޭނުންވާ ޑޮކްޓަރުން ގެނައުމަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މެޑިކަލް ކައުންސިލްގެ ޓީމެއް ޑޮކްޓަރުން ހޯދުމަށް ރާއްޖެ އިން ބޭރަށް ދަތުރުތައް ކުރަމުންދާ ކަމަށެވެ.
"މިހާރު ވެސް މެޑިކަލް ކައުންސިލްގެ ޓީމް ވީ ބަނގުލަދޭޝްގައި ޑޮކްޓަރުން ހޯދުމުގެ މަސައްކަތުގައި" ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެ އިން ބޭރުގެ ގައުމުތަކާއި ރާއްޖެއާ ދެމެދު ހަދާފައިވާ އެމްއޯޔޫތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ބޭރުގެ ގައުމުތަކުން ރާއްޖެ އަށް ޑޮކްޓަރުން ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މީގެ ކުރިން ވަކި އެޖެންސީތަކަކާ ހަވާލުކޮށްގެން ޑޮކްޓަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް މިހާރު ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ހުރިހާ އެޖެންސީތަކަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެ އަށް ޑޮކްޓަރުން އެތެރެކުރާ ގޮތާ ގުޅިގެން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޑޮކްޓަރުންގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ހުރިހާ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރުންނާއި އިންޓަވިއު ކުރުމަށް މެޑިކަލް ކައުންސިލް އިން އެގައުމުތަކަށް ދިއުން ކަމަށެވެ.
އެބޭފުޅުން ވިދާޅުވެފައި ވަނީ ރާއްޖެ އަށް ޑޮކްޓަރުން ގެންނަނީ ރަނގަޅަށް މޮނީޓާ ނުކުރެވި ކަމަށާއި އެކަމުގެ ސަބަބުން "ޑޮކްޓަރުންނޭ ކިޔަންވެސް ހެޔޮ ނުވާ ވަރުގެ މީހުން" ޑޮކްޓަރުންގެ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ކޮންޓްރެކްޓް މަސައްކަތް ކުރައްވާ ބޭފުޅުންނާއި ގޭގެއަށް ހައުސް މެއިޑުން އެތެރެ ކުރާ އެޖެންޓުންނަށް ޑޮކްޓަރުން އެތެރެ ކުރެވޭނެ ކަމަކަށް،" ރާއްޖޭގެ ސިއްހީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ޑޮކްޓަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.