07 Sep 2014, 12:51
މަސްވެރިންގެ ލަބަޔާއި މަންފާ އަށް ސަރުކާރުން ހިންގާ "ކާމިޔާބު އޮއިވާލި ކަނދުފަތި" ޕްރޮގާމްގެ ދަށުން ތިން އަތޮޅެއްގައި ކަނދުފަތި ހަރުކޮށްފި އެވެ.
ފިޝަރީޒު މިނިސްޓްރީ އިން މިއަދު ބުނީ އެ ކަނދުފަތިތަކަކީ ކަނޑައިގެން ދިޔުމުން އަލުން ހަރުކުރި ކަނދުގަތިތަކެއް ކަމަށެވެ.
އޮއިވާލި ކަނދުފަތި ހަރުކޮށްފައި ވަނީ ވ. މ. އަދި ހދ. އަތޮޅުގައި ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުންޏެވެ. އެ މިނިސްޓްރީ އިން ބުނީ އެއީ ކަނޑައިގެން ގޮސްފައިވާ ކަނދުފަތި ހަރުކުރުމަށް އެ މިނިސްޓްރީ އިން ކުރި ހަތަރު ވަނަ ދަތުރު ކަމަށެވެ.
ވ. އަތޮޅުގައި ކަނދުފަތި ހަރުކޮށްފައި ވަނީ އެ އަތޮޅު ކެޔޮދޫގެ އިރު އުތުރުން 17 މޭލު ބޭރުގަ އެވެ. އަދި މ. އަތޮޅުގައި މުލަކުގެ އިރު ދެކުނުން 13 މޭލު ބޭރުގައި ކަނދުފަތި ހަރުކޮށްފައިވާ އިރު ހދ. އަތޮޅުގައި ކަނދުފަތި ހަރުކޮށްފައި ވަނީ ކުޅުދުއްފުށީގެ އިރު ދެކުނުން 15.5 މޭލު ބޭރުގައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅާފައި ހުރި ކަނދުފަތިތަކުގެ ތެރެއިން 12 ކަނދުފައްޗެއް އާކުރުމުގެ މަސައްކަތް މިދިޔަ ޖުލައި މަހު ވަނީ ފަށައިފަ އެވެ. އޭގެ ތެރެއިން އުތުރުގެ ހަތަރު ކަނދުފައްޗެއް މިހާރު ވަނީ އަޅާ ނިމިފަ އެވެ.