ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް މަސައްކަތް ކުރާ އެ ގައުމުގެ ރެޑްކްރެސެންޓް ޖަމާއަތަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ރެޑް ކްރެސެންޓުން ހިންގި ހަރަކާތްތަކުން ލިބުނު ބައި ލައްކަ އަށް ވުރެ ގިނަ ޑޮލަރު ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ހަދިޔާކޮށްފި އެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތަށް 14.5 މިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް އެ ޖަމާއަތުން މިދިޔަ ޖުލައި މަހު ހާމަކުރުމާ ގުޅިގެން "ފަލަސްތީން ރިލީފް ފަންޑް"ގެ ނަމުގައި ދިވެހި ރެޑް ކްރެސެންޓުން ހިންގި ހަރަކާތްތަކުން ލިބުނު ފައިސާގެ އަދަދު ހާމަކޮށްފައި ވަނީ ދިވެހި ރެޑް ކްރެސެންޓުން މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓަށް އެހީވުމަށް ދިވެހި ރެޑްކްރެސެންޓް އިން ހިންގި ހަރަކާތްތަކުން ލިބުނު ފައިސާަގެ އަދަދުތައް-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެގޮތުން މިދިޔަ ޖުލައި މަހުގެ 22 އިން މިދިޔަ މަހުގެ 27ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުން 787،784.05 ރުފިޔާ (51،088.46 ޑޮލަރު) ލިބިފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުންޏެވެ. އަދި އެ ފައިސާ މިހާރު ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ބޭނުންވާ ފައިސާ ހޯދުމަށް ދިވެހި ރެޑް ކްރެސެންޓުގެ މާލޭ ބްރާންޗުންނާއި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ހަތަރު ބްރާންޗުން ވެސް ހަރަކާތްތަކެއް ހިންގާފައިވެ އެވެ. އަދި އެސްއެމްއެސް އިންނާއި ފަންޑުް ފޮށިތަކުގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންގެ ތަކެތި ނީލަން ކިޔައިގެން ފައިސާ ލިބިފައިވާ އިރު އިތުރު ބައެއް ފަރާތްތަކުން ވެސް އެ ފަންޑަށް ބޮޑެތި އެހީތަކެއްދީފައިވާ ކަމަށް އެ ޖަމާއަތުން ބުންޏެވެ.