ހުދުރަންފުށީގައި ތިން ދުވަހަށް ކުރިޔަށް ދިޔަ އޭޝިއަން ސާފިންގް ޗެމްޕިއަންޝިޕް (އޭއެސްސީ) މޯލްޑިވްސް އޯޕަން 2014ގެ ފައިނަލުގައި ނޭވާ ހިފަހައްޓާލަން ޖެހޭފަދަ 35 މިނެޓަށް ފަހު، ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ބަލިކޮށް ބާލީގެ ގަރޫޓު ވިޑީއާޓާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލުން އިބޫ ޖާގަހޯދީ މީގެ ކުރީން ތިން ފަހަރު އޭއެސްސީ ކާމިޔާބު ކޮށްފައިވާ ރެޑިޔާޓާ ރޮންޑީ ބަލިކޮށްފައެވެ. ފައިނަލްގައި އިބޫއާ ވާދަކުރި ވިޑިއާޓާ އަކީ މަޝްހޫރު 'ރިޕް ކާލް' ގެ ޗެމްޕިއަންޝިޕް ހޯދާފައިވާ މީހެކެވެ.

ވިޑިއާޓާ ބުނީ އިބޫ އާ ވާދަކުރަން ކުޑަކޮށް ޖެހިލުންވި ކަމަށާއި މުބާރާތުން މޮޅުވުމުން ވަރަށް އުފާވާ ކަމަށެވެ. މުބާރާތުން އިބޫއަށް ވެސް އެއްވަނަ ލިބުން ހައްގު ކަމަށް ވިޑިއާޓާ ބުންޏެވެ.

"ފައިނަލް މެޗުގައި އިބޫއާ ދެކޮޅަށް ކުޅެން ޖެހޭތީ ހުރީ ކަންބޮޑުވެފައި. އޭނާ އަކީ ލޯކަލެއް. އަމިއްލަ ގައުމުގައި އޭނާގެ ޓަޗު ހުންނާނެ. އޭނާގެ ހުނަރު ވަރަށް ރަނގަޅު. ހިތަށް އަރާ އޭނާއަށްވެސް އެއްވަނަ ލިބުނު ނަމައޭ. އެކަމަކު އެކަކަށް އެއްވަނަ ލިބޭނީ. އަހަރެން ވަރަށް އުފާވޭ މި މުބާރާތުން އެއްވަނަ ލިބުނީމަ،" ވިޑިއާޓާ ބުންޏެވެ.

އިބޫ ބުނީ މުބާރާތުން އެއްވަނަ ނުލިބުނު ކަމުގައި ވިޔަސް އެއްވެސް ވަރަކަށް ދެރަ ނުވާ ކަމަށާއި އަދިވެސް ފައިނަލަށް ދެވުނު ކަން ގަބޫލު ނުކުރެވޭ ކަމަށެވެ.

"އަދިވެސް ގަބޫލު ނުކުރެވޭ ފައިނަލާ ހިސާބަށް ދެވުނު ކަމަކަށް. ދެވަނަ ލިބުނީމަ ވެސް ވަރަށް ހިތްހަމަ ޖެހޭ. މި މުބާރާތުން ވަރަށް ބައިވަރު ކަންތައްތައް ދަސްވި ބާލީގެ ކުޅުންތެރިންނާއެކު ރާޅާއަޅައިގެން،" އިބޫ ބުންޏެވެ.