07 Sep 2014, 12:09
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ހިންގާ ކޮމެޓީ ހޮވުމަށް ބާއްވާ އިންތިހާބު މިމަހު 21 ގައި ބޭއްވުމަށް ނިންމައިފި އެވެ.
އެމްޖޭއޭ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެޖަމިއްޔާގެ ހިންގާ ކޮމިޓީ ކުރިއަށް އޮތް ދެ އަހަރު ދުވަހަށް އިންތިހާބު ކުރުމަށް ބާއްވާ އާންމު ޖަލްސާ މިމަހު 21 ވާ އާދީއްތަ ދުވަހުގެ ރޭ 9:00 ގައި ޒުވާނުންގެ މަރުކަޒުގެ ސެމިނާ ހޯލުގައި އޮންނާނެ ކަމަށެވެ.
"މިޖަލްސާއަށް ޖަލްސާ ފެށުމުގެ 15 މިނެޓް ކުރިން ހުރިހާ މެންބަރުން ހާޒިރުވާންވާނެ، ޖަލްސާ ފެށޭގަޑިއަށްފަހު ޖަލްސާ ކުރާ މާލަމަށް ވަނުމުގެ ފުރުސަތު ބަންދުވާނެ" އެމްޖޭއޭއިން ބުންޏެވެ.
އެއިއުލާންގައި ބުނެފައިވަނީ ހިންގާ ކޮމެޓީ އިންތިހާބުކުރުމަށް ބާއްވާ މިޖަލްސާގައި ހިންގާ ކޮމެޓީއަށް ކުރިމަތިލުމަށް އެދޭ މިޖަމްއިއްޔާގެ މެންބަރުން ކުރިމަތިލާ މަގާމު މި ޖަލްސާގައި ހާމަކުރަންވާނެ ކަމަށާއި ހިންގާ ކޮމެޓީއަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް ކެމްޕެއިން ކުރުމަށް ގިނަ ވަގުތު ދިނުމުގެ ގޮތުން ތިރީގައިވާ ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެ ޖަމްއިއްޔާގެ ހިންގާ ކޮމެޓީގައި ހިމެނޭ މަގާމަށް ކުރިމަތިލުމަށް އެދޭ މެންބަރުން އެކަން ބަޔާންކޮށް އެޖަމްއިއްޔާ އަށް މިމަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސިޓީ ފޮނުވަން ވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އޭގެ ފަހުން ހިންގާ ކޮމެޓީ އަށް ކުރިމަތިލުމުގެ ޝައުގުވެރިކަން މެންބަރަކު ފާޅުކުރާނަމަ، އެފުރުސަތު ހިންގާ ކޮމެޓީ އިންތިހާބުކުރުމަށް ބާއްވާ ޖަލްސާގައި ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
"ކުރިމަތިލާ މެންބަރު ނޫން އެހެން މެންބަރަކު، މެންބަރެއްގެ ނަމެއް ހިންގާ ކޮމެޓީއަށް ހުށަހަޅާނަމަ، އެހުށަހެޅުނު މެމްބަރަކު އެކަމަށް އިއުތިރާޒު ނުކުރާކަން އެޖަލްސާގައި ހާމަކުރަންވާނެ، އިއުތިރާޒު ނުކުރާކަން ހާމަނުކުރާ މެންބަރެއްގެ ނަމެއް ބަލައެއް ނުގަނެވޭނެ" އެމްޖޭއޭގެ އިއުލާންގައި ބުނެފައިވެ އެވެ.
އެ ޖަމިއްޔާގެ މެންބަރަކަށް ވުމަށް ހުޅުވާލައިފައިވާ ފުރުސަތު މިމަހު 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި ބަންދުވާނެ ކަމަށް އެމްޖޭގެ އިއުލާންގައި ބުނެފައިވެ އެވެ.
ނޫސްވެރިންގެ ހައްގުގައި ރާއްޖޭގައި މަަސައްކަތްކުރާ ހަމައެކަނި އަމިއްލަ ޖަމިއްޔާގެ އިންތިހާބު ތިން ފަހަރެއްގެ މަތިން ބާވަން އުޅެ މީގެ ކުރިން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. އެ ތިން ފަހަރު ވެސް އެއިންތިހާބު ހުއްޓުވާފައިވަނީ އެއްބަޔަކު ތެދުވެ އަޑުގަދަކޮށް ހަޅޭލަވާ ހެދުމުގެ ސަބަބުންނެވެ.