މައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނިކޮށް ފުލުހަކަށް ހަމަލާދިން މީހަކު ހަ މަސް ދުވަހަށް ޖަލަށްލުމާ އެކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސ. ހިތަދޫ އައްޑޫގޭ ހުސައިން އަޒުރަފްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ 7:40 އެހައިކަންހާއިރު ވައްކަމުގެ މައްސަލައެއްގައި އޭނާ ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ވަނިކޮށް ފުލުހަކަށް ހަމަލާދީފައިވާތީ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އަޒުރަފްއާ އެކު ގޮޅީގައި ތިބި އިތުރު ދެ މީހަކު ގޮޅިން ނެރުމަށް ފުލުހުން މަސައްކަތް ކުރަނިކޮށް އެމީހުން ގޮޅިން ނުނެރެވޭނެ ކަމަށް ބުނެ ހަޑިހުތުރުބަހުން މުއާމަލާތްކޮށް އެވަގުތު އެތަނުގައި ހުރި ފުލުހަކަށް އޭނާ ހަމަލާދީފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

މިއީ އޭނާގެ މައްޗަށް އެފަދަ ކުށެއް ސާބިތުވި ތިން ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.