07 Sep 2014, 11:52
ބޭރުގެ އިއްޒަތްތެރިއަކު ވަޑައިގެންނަވާތީ އެކަމުގެ މައުލޫމާތުތަކެއް ހޯދުމަށްޓަކައި ހެކަރުންތަކެއް ފޮރިން މިނިސްޓްރީގެ އީ މެއިލް އެކައުންޓްތަކެއް ހެކްކުރުމަށް މަސައްކަތްކޮށްފި އެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ހަފްތާ ބަންދުގައި އެ މިނިސްޓްރީގެ އީމެއިލް އެކައުންޓްތަކެއް ހެކްކުރުމަށް ބަޔަކު ކަނޑަނޭޅި މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މެއިލް އެކައުންޓެއް ހެކްކުރެވިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިނިސްޓްރީގެ އެއްވެސް މެއިލް އެކައުންޓެއް ހެކްކުރެވިފައެއް ނެތް، ހެކަރުންގެ މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
ހަމަލާތައް ދީފައިވަނީ ބޭރުގެ ވަރަށް ބޮޑު އިއްޒަތްތެރިއަކު ރާއްޖެ ވަޑައިގެންނަވާތީ އެކަމާ ބެހޭ މައުލޫމާތުތަކެއް ހޯދުމަށް ކަމަށްވާއިރު އެ ހަމަލާތައް ދީފައިވަނީ ސީދާ އެކަމަށް އަމާޒުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ބޭރުގެ ކޮން އިއްޒަތްތެރިއެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
އޭނާ ވިދާޅުވީ އެ ހަމަލާތައް ދޭން ބަޔަކު މަސައްކަތް ކުރަމުން ގެންދާކަން އެނގުނު ހިސާބުން އެކަމާ މެދު ގައުމީ ދިފާއީ ބާރުގެ އެހީތެރިކަމާ އެކު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ފޮރިން މިނިސްްޓްރީގެ އެއްވެސް އީމެއިލް އެކައުންޓްތަކެއް ހެކްކުރި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއް ބަލަމުންދޭތޯ ދެންނެވި ސުވާލަކަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ.