07 Sep 2014, 11:42
އޭޝިއަން ގޭމްސްގައި މިފަހަރު ރާއްޖެއިން ބައިވެރިވާ ގައުމީ ބާސްކެޓްބޯލް ޓީމުގެ އަމާޒަކީ މިފަހަރުގެ މުބާރާތުން މެޑަލްއެއް ހޯދުން ކަމަށް، ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަޙްމަދު ހާފިޒު ވިދާޅުވެއްޖެ އެވެ.
ހާފިޒު އެހެން ވިދާޅުވީ ކޮރެއާގައި މި މިހު ފަށާ 17 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ގައުމީ ބާސްކެޓްބޯލް ޓީމު އެކުލަވާލައި، ކުޅުންތެރީންނަށް ޖާޒީ ހަވާލު ކުރުމަށް ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
"އަބަދުވެސް އަހަރެމެންގެ ފޯކަސް މި އޮންނަނީ ސައުތު އޭޝިއަން ރީޖަންގައި ކޮމްޕީޓުކޮށް މެޑަލް އެއް ހޯދުން. ދެން އެއާ އެކީ އެންމެ ފަހުން ނިމިގެން ދިޔަ ޗެމްޕިއަންޝިޕުގެވެސް އެންމެ ބޮޑު އަމާޒަކަށް އޮތީ ފުރަތަމަ މި ރީޖަން އިން ކާމިޔާބެއް ހޯދާފައި އޭގެ އިތުރަށް ކުރިއަށް ދާން،" ހާފިޒު ވިދާޅުވި އެވެ.
ރޭގެ އެ ރަސްމިއްޔާތުގައި ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒެވެ.
ޒާޖީ ހަވާލުކުރުމަށް ފަހު ޒުވާނުންގެ މަރުކަޒުގައި ރޭ ވަނީ، ޖާޒީ ހަވާލު ކުރެވުނު ގައުމީ ޓީމާއި ސީނިއާ ގައުމީ ޓީމާ ދެމެދު ޕްރެކްޓިސް މެޗެއް ކުޅެފައެވެ.