އިނގިރޭސި ގައުމީ ޓީމުގައި މަސަތްކަތްކަތް ކުރަން ފުރުސަތު ލިބިއްޖެނަމަ އެކަމަށް މަރުޙަބާ ކިޔާނެކަމަށް ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނެފި އެވެ.

ގައުމީ ޓީމަށް 115 މެޗު ކުޅެ 17 ގޯލް ޖަހައި ދީފައިވާ ބެކަމް ހުރީ އެކަހަލަ ފުރުސަތަކަށް ތައްޔާރުވެގެން ކަމަށް އޭނާ ބުންޏެވެ.

" އަހަރެން ހަމައެކަނި މީގެ އެއް އަހަރު ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓައިލީ. ހަމަ ހަގީގަތުގައި ވެސް އަހަރެން އަބަދުވެސް ކުރާ ކަންތައްތަކުގައި އަވަދިނެތި އުޅުނީ. އެކަމަކު އެއްވެސް ގޮތަކަށް އިނގިރޭސި ޓީމުގެ މުސްތަގުބަލަށް އެހީއެއް ވެދެއްވެން އޮތް ނަމަ އަހަރެން އެކަން ކުރާނަން،" ބެކަމް ބުންޏެވެ.

އޭނާ ބުނީ، މިހާތަނަށް ގައުމީ ޓީމުން ޔަގީން ހުށަހެޅުމެއް އައިސްފައި ނުވާކަމަށާއި ނަމަވެސް ކޯޗު ހޮޖްސަން، ޓީމުން ބެކަމް އަށް ރޯލެއް ދޭން ނިންމާނަމަ އެކަމާމެދު ވަރަށް ފަހުރުވެރިވާނެކަމަށެވެ.

ކެރިއަރުގައި މެންޗެސްޓާ ޔުނައިޓެޑް، އިޓަލީގެ އޭސީ މިލާން އަދި ސްޕެއިންގެ ގަދަބާރު ރިއަލް މެޑްރިޑަށް ވެސް ކުޅުނު ބެކަމް ގެ ތަޖުރިބާ، އިންގްލެންޑް ޓީމުގެ އުއްމީދުތައް ހާސިލް ކުރުމުގައި މުހިއްމުވާނެ ކަމާމެދު ޝައްކެއް ނެތެވެ.

މިފަހަރު ޓީމުގައި ދައުރެއް އަދާކުރަން ޖެހިއްޖެނަމަ ވެގެންދާނީ ގައުމީ ޓީމުގައި ބެކަމް މަސަތްކަތް ކުރާނެ ދެވަނަ ފަހަރު ކަމުގައެވެ. މީގެ ކުރިން ފަބިއޯ ކަޕެއްލޯ އާއެކީ 2010 ގެ ވޯލްޑް ކަޕުގައި ބެކަމް ވަނީ ގައުމީ ޓީމާއެކު ތަޖުރިބާ ހިއްސާ ކޮށްފައެވެ.

ކޯޗު ރޯއި ހޮޖްސަން އާއެކީ މިހާރު ވެސް ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޑިފެންޑަރު ގެރީ ނެވިލް އަންނަނީ މަސަތްކަތް ކުރަމުންނެވެ.