07 Sep 2014, 11:13
ޒުވާން މިޑްފީލްޑަރު ޕައުލް ޕޮގްބާ އަކީ ފްރާންސް އާއި ޔުވެންޓަސްގެ ލެޖެންޑް ޒައިނުއްދީން ޒިދާން އާ އެއްފަދަ ކުޅުންތެރިއެއް ކަމަށް އިޓަލީގެ ކުރީގެ ތަރި އަލޭސިއޯ ޓަޗިނާޑީ ބުނެފި އެވެ.
ކްލަބް ކެރިއަރުގައި ޔުވެންޓަސް އާ އެކީ 17 ތަށި ކާމިޔާބު ކުރި ޓަޗިނާޑީ ގަބޫލް ކުރާ ގޮތުގައި އުމުރުން އެއްމެ 21 އަހަރުގެ ޕޮގްބާ އަކީ އުނދަގޫ ކަންތައްތައް ފަސޭހަކޮށްލަން އެނގޭ މަދު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ.
"އޭނާއަށް އެނގޭ އެކި ހާލަތްތަކުގައި އަމަލު ކުރަންޖެހޭ އެއްމެ ރަނގަޅު ގޮތް. އުނދަގޫހެން ހީވާ ކަންތައްތައް އޭނައަށް ނުލާހިކު ފަސޭހަ. މީގެ ކުރިން އަހަރެންނަށް މިގޮތަށް ކުޅޭ ކުޅުންތެރިންނަށް ފެނިފައިވަނީ ޒިދާން، ރިކުއަލެމް، ޑެލްޕިއެރޯ އަދި ޓޮޓީ،" އިޓަލީގެ މީޑިއާ އަކާ ވާހަކަ ދައްކަމުން ޓަޗިނާޑީ ބުންޏެވެ.
ޓަޗިނާޑީ ބުނީ، ކުރިއަށް އޮތް ތާނގައި ފެނިގެންދާނީ ޕޮގްބާގެ އަހަރު ތަކެއް ކަމަށާއި ކުރު މުއްދަތެއްގައި މިވަގުތަށް ދުނިޔޭގައި ހުރި އެއްމެ މޮޅު މިޑްފީލްޑަަރަށް ޕޮގްބާ ވެގެންދާނެ ކަމަށެވެ.
"ޕޮގްބާ އެއީ ޖަވާހިރެއް. އޭނަ ޔުވެންޓަސްއަށް ކުޅުނު ފުރަތަމަ މެޗާ ހިސާބުން އަހަރެންނަށް އެނގިއްޖެ އޭނަ އެއީ އާދަޔާ ޚިލާފް ކުޅުންތެރިއެއްކަން. ޕޮގްބާ އަކީ ކޮންމެ ކޯޗެއް ވެސް ބޭނުންވާނެ ކަހަލަ މޮޅު ކުޅުންތެރިއެއް. ސަބަބަކީ އެޓޭކިން އަށްވެސް ޑިފެންސް އަށްވެސް މޮޅަށް ކުޅޭތީ،" ޓަޗިނާޑީ އިތުރަށް ބުންޏެވެ.
މީގެ އިތުރަށް ޕޮގްބާ ފަދަ ހުނަރުން ފުރިފައިވާ ކުޅުންތެރިއެއް ދޫކޮށްލީތީ ޓަޗިނާޑީ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ފާޑު ކިޔާފައެވެ.
މީގެ ދެ އަހަރު ކުރިން ފްރީ ޓްރާންސްފާ އެއްގައި މެންޗެސްޓާއިން ޔުވެންޓަސް އާ ގުޅުނު މިޑްފީލްޑަރު ވަނީ އެންޓޯނިއޯ ކޮންޓޭގެ ދަށުން ޖެހިޖެހިގެން ދެ ސެރިއޭ ލީގު އެޓީމަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާ ކޮށަފައެވެ.
އެންމެ ފަހުން ނިމިގެން ދިޔަ ވޯލްޑް ކަޕުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާ އަކީވެސް ޕޮގްބާ އެވެ.
ނިމިގެންދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މަޝްހޫރު ގިނަ ކްލަބްތަކުން ވަނީ ޕޮގްބާގެ ސޮއި ހޯދަން ގިނަ މަސަތްކަތްތަކެއް ކޮށްފައެވެ. މިގޮތުން ޗެލްސީން ޕޮގްބާ ގަންނަން އުޅުނު ވާހަކަ އެއިރު ވަރަށް ބޮޑަށް ދެކެވިގެން ދިޔަކަން ފާހަގަ ކޮށްލެވެއެވެ.
މިހާރު ޕޮގްބާ އަކީ ޔޫރަޕްގެ އެއްމެ އަގުބޮޑު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. މާކެޓުގައި ޕޮގްބާގެ ރިލީޒް ކްލައުސް އުޅެނީ 70 މިލިއަން ޔޫރޫ އަށްވުރެ މަތީގައެވެ.