ސިފައިންގެ 122 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފް އިން ''ސިފައުފާ 2014'' ގެ ނަމުގައި ވަރަށް ކުލަގަދަ ޝޯތަކެއް ބާއްވައިފިއެވެ.

މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ތިން ރޭ ވަންދެން ކަޅުތުއްކަލާކޮށީގައި ބާއްވާފައިވާ ޝޯތަކުގައި ކޮޕްސް ބޭންޑުގެ މިއުޒިކާއި ހެއްވާމަޖާ އައިޓަމްތަކާއި ޑްރާމާތަކުގެ އިތުރުން ނެށުމުގެ ހަރަކާތްތައް ވަނީ ދައްކާލާފައެވެ.
އެގޮތުން ސިފައުފާ ޝޯގެ ފަހުޝޯ ރޭ ދައްކާލާފައިވާ އިރު އެ ޝޯގައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި ފަދަ ސަލާމަތީ ކަންތައްތަކާއި ގުޅޭގޮތުން ސިފައިން ތައްޔާރު ކުރުމަށް ހަމަޖެހިފައިވާ "ހާދަރު" ގެ ކުރު ފިލްމެއްގެ ފެށުން ފާހަގަކޮށް އެ ފިލްމު ވެސް އިފްތޮތާހުކޮށްފައެވެ.

އޭގެ އިތުރުން "ހާދަރު" ފިލްމުގައި ހިމެނޭ ހަތަރު ލަވައިގެ މައްޗަށް ތައްޔާރުކޮށްފައިވާ ލަވަ އަލްބަމްވެސް ވަނީ ރޭގެ ސިފައުފާ ޝޯގައި ނެރެފަ އެވެ. އެ ފިލްމުގެ ލަވަ އަލްބަމް ނެރެދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

ރޭ ބޭއްވި ސިފައުފާ ބައްލަވާލެއްވުމަށް ސިފައިންގެ އެންމެމަތީވެރިޔާ އަދި ރައީސުލްޖުމޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ދެކަނބަލުންނާއި ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމުގެ ދެކަނބަލުންނާއި، ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމުގެ ދެކަނބަލުންނާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދާއި، ގިނަ ޢިއްޒަތްތެރިންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ޝޯތަކުގައި ސިފައިންގެ އާއިލާތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.