07 Sep 2014, 09:58
އަންނަ އަހަރު މޮރޮކޯގައި ބާއްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި ދެކުނު އެފްރިކާ ކުޅުނު ފުރަަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެ އެވެ.
ކޮލިފައިން ގުރޫޕް އޭގައި ސޫދާނާ ވާދަކޮށް ދެކުނު އެފްރިކާ މޮޅުވީ 3-0 ލަނޑުންނެވެ. ސޫދާނުގައި ކުޅުނު އެ މެޗުގެ ލަނޑުތަށް ފެނިގެން ގޮސްފަވަނީ މެޗުގެ ދެވަނަ ހާފްގައެވެ.
މެޗުގެ ފުރަތަމަ ހަ މިނިޓްގެ ތެރޭގައި ސޫދާނުން ވަނީ ދެކުނު އެފްރިކާގެ ގޯލަށް ވަރަށް ނުރައްކާތެރި ހަމަަލަތަކެއް ފޮނުވާލާފައެވެ. ދެކުނު އެފްރިކާގެ ދިފާއަށް ބާރު ބޮޑުވެ ނަތީޖާއެއް ގޮތުން ދިފާއީ ކުޅުންތެރިން ޕްރެޝަރަށް ވެއްޓުނުތައް ފެނިގެންދިޔައެވެ.
ހަމަ އެހެންމެ ސޫދާްނަށް ވަނީ އެ ހަ މިނިޓް ތެރޭގައި ކައިރިކައިރީގައި ދެ ކޯނަރެއް ލިބިފައެވެ. އެގޭތެރެއިން ވެސް ސޫދާންގެ ބައްލާ ޖާބިރަށް ލިބުނު ފުރުސަތު ފާހަގަ ވެގެންދިޔައެވެ.
މެޗުގެ ފުރަތަމަ 15 މިނިޓް ތެރޭގައި ސޫދާނުން ފޮނުވާލި ގިނަ ހަމަލާތަކެއް ދެކުނު އެފްރިކާގެ ކީޕަރު ސެންޒޯ މެއިވާ ވަނީ ހުޝިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑާއި ދެވަނަ ލަނޑުވެސް ދެކުނު އެފްރިކާގެ ޓީމުން ޖަހައިފައި ވަނީ މެޗުގެ ދެވަނަހާފްގައި ބަދަލު ކުޅުނުތެރިއެއްގެ ގޮތުގައި ކުޅުން އެރި ސިބޮސިސޯ ވިލަކާޒީއެވެ. އެއީ މެޗުގެ 56 މިނިޓާއި 61 މިނިޓްގައެވެ. މިއީ ވިލަކާޒީ ގައުމީޓީމަށް ޖަހައިދިން ފުރަތަމަ ދެލަނޑު ވެސް މެއެވެ.
މެޗުގެ ތިންވަނަ ލަނޑު ޖަހައި ދެކުނު އެފްރިކާއިން ލީޑްއިތުރަށް ފުޅާކުރީ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު ޖަހައިދިނީ ދެކުނުއެފްރިކާގެ ގައުމީޓީމަށް ފުރަތަމަ ފަހަރަށް ކުޅުމުގެ ފުރުސަތު ލިބުނު ބޮގާނީ ނުޑްލުލާއެވެ.
ދެކުނު އެފްރިކާ ހިމެނޭ ގުރޫޕްގެ ކޮލިފައިންގައި ބުދަ ދުވަހު އެ ޓީމު ނުކުންނާނީ އެފްރީކާގެ ގަދަބާރެއް ކަމަަށްވާ ނައިޖީރިޔާ އާ ދެކޮޅަށެވެ. ސޫދާން ރަށުންބޭރުގައި ނުކުންނާނީ ކޮންގޯއާ ދެކޮޅަށެވެ.
ޖުމުލަ 28 ގައުމެއް ކޮލިފައިން ސްޓޭޖުގައި ކުޅޭ މި މުބާރާތުގެ ކޮލިފައިން ސްޓޭޖަށް ވަނީ މިހާރު އެފްރިކާގެ ގައުުމުތަކުގައި ހަލުވުކަމާއެކު ފެތުރެމުންދާ އެބޯލާ ރޯގާގެ ހިޔަނި ވަރަށް ބޮޑަށް އެޅިފައެވެ. އެގޮތުން ގިނީ އާއި ސިއެރަލިއޯން ކުޅޭ މެޗުތައް އެގައުމު ތަކުގެ ހުއްދައާއެކު ކުޅުމަށް ހަމަޖެހިފަވަނީ ރަށުން ބޭރުގައެވެ.