ބެއިޖިންގ : ފާއިތުވި 2010 ވަނަ އަހަރު 105.7 ބިލިޔަން އެމެރިކާ ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް ޗައިނާގައި ކޮށްފައިވާ ކަމަށް އެޤައުމުގެ ޓްރޭޑް މިނިސްޓްރީން ބުނެފިއެވެ. ޗައިނާގެ ޓްރޭޑް މިނިސްޓްރީގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި މިއީ 2009 ވަނަ އަހަރާ އަޅާބަލާއިރު 15.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ޗައިނާގައި ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރަނީ އިންވެސްޓަރުންގެ ޙިމާޔަތުގައި ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް ރަނގަޅު ވުމުގެ އިތުރުން އިންވެސްޓްމެންޓަށް ފަހި ވެއްޓެއް ޗައިނާގައި އޮތުމުން ކަމަށް އެޤައުމުން ބުނެއެވެ. އިންވެސްޓްމެންޓަށް ފަހި ވެށި ކަމަށް ޗައިނާ ސިފަކުރާ ކަންކަމުގެ ތެރޭގައި ވަސީލަތްތަކާއި އިންފްރާސްޓަރަކްޗަރ ރަނގަޅުވުމާއި އަގުހެޔޮ ލޭބަރުންނާއި ފަންނީ މީހުން ލިބުމާއި ބާޒާރުގެ ފުރްސަތު ހިމެނެއެވެ.

ބޭރު ޤައުމުތަކުން ޗައިނާގައި އިންވެސްޓްކުރާ ނިސްބަތް އިތުރުވާއިރު ޗައިނާވެސް ގެންދަނީ ބޭރު ޤައުމުތަކުގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންނެވެ. މިގޮތުން 2010 ވަނަ އަހަރު ބޭރުޤައުމުތަކުގައި ޗައިނާ ކުރި އިންވެސްޓްމަންޓްތައް ވަނީ 59 ބިލިޔަން ޑޮލަރަށް މައްޗަށް ގޮސްފައެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 36.3 އިންސައްތައިގެ ކުރިއެރުމެކެވެ.
ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިސާދެވެ. އަދި 2022 ހާހަމައަށްދާއިރު އެމެރިކާގެ އިޤްތިސާދާ ޗައިނާ ފައިހަމަ ކުރާނެ ކަމަށް އިޤްތިސާދީ ލަފާކުރުންތައް ބުނެއެވެ.