07 Sep 2014, 09:55
އިގުތިސާދީ ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމާއި ބެހޭ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކޮށް، އެ ގާނޫނުގައި ބުނެފައިވާ "ބޯޑް އޮފް އިންވެސްޓްމަންޓް" ނުވަތަ "އެސްއީޒެޑް ބޯޑު" ވެސް މިހާރު އެވަނީ އުފައްދާފަ އެވެ. އިގްތިސާދީ ސަރަހައްދުތައް ކަނޑައެޅުމާ ބެހޭ ގާނޫނެއް "ވުޖޫދު ކުރީ" ބޮޑެތި ބިޔަ އިންވެސްޓްމަންޓް ރާއްޖެ ގެނައުމަށެވެ. ބޮޑެތި އިނާޔަތްތަކާ އެކު އިންވެސްޓަރުންނަށް ގާނޫނަކުން އެ ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްދީފަ އެވެ. ނަމަވެސް އަދިވެސް ބައެއް މީހުންގެ ސުވާލަކީ އިގުތިސާދީ ޒޯނުގެ ފައިދާ ކުރާނީ ކޮންއިރަކުން ހެއްޔެވެ؟ އެސްއީޒެޑް ގާނޫނުގެ ފައިދާ ކުރާނީ މިއަދު ތުއްތު ކުދިން "ނޫކަށި ފުރައިގެ ޒުވާނުންނަށް" ވުމުން ހެއްޔެވެ؟ ނޫނީ 20 އަހަރުން ފަހުން ހެއްޔެވެ؟
ރާއްޖޭގެ އިގްތިސާދީ ބައެއް "މާހިރުން" ވިދާޅުވަނީ ބިޔަ މަޝްރޫއެއް ފެށިގެން ކުރިއަށްދާ އިރު އެކި ދާއިރާތަކަށް އޭގެ ފައިދާ އާއި މަންފާ ކުރަމުންދާނެ ކަމަށެވެ. އެކި ސިނާއަތްތަކުގެ ފަންނުވެރިނަށް އާމްދަނީ ހޯދާނެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް އަދި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވީ އިގްތިސާދީ ހާއްސަ ސަރަހައްދެއް ކަނޑައަޅައި ބޮޑު އިންވެސްޓްމެންޓެއް ހިންގަން ފަށާތާ އެއް އަހަރު ތެރޭގައި އޭގެ މަންފާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިގްތިސާދީ ސަރަހައްދެއްގައި ފަށާ އެންމެ ޕްރޮޖެކްޓެއްގެ އިމާރާތް ކުރުމުގެ މަރުހަލާގައި ވެސް މަސައްކަތްކުރާ ފަރާތްތަކަށް "އޮބި ނޯންނަ ވަރަށް" ފައިދާވާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ އިހަވަންދިއްޕުޅު އައިހެވަން މަޝްރޫއަށެވެ.
"މިސާލަކަށް އައިހެވަން ޕްރޮޖެކްޓްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. ފައިދާ ގައުމަށް ކުރަން ފަށާނެ އެއް އަހަރު ދުވަސް ތެރޭގައި އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރާ ހިސާބުން ފެށިގެން. އެއީ މިސާލަކަށް މިހާރު ވެސް ރާއްޖޭގައި ދެތިން ހަތަރު ރިސޯޓް 100 މިލިއަން ޑޮލަރަށް ހިންގި އަސް އަޅުގަނޑުމެން ކޮންސްޓަރަކުޝަން މަސައްކަތްކުރާ ފަރާތްތަކަށާއި މާލޭގެ ބާޒަރަށް އޭގެ އަސަރު އެބަކުރޭ. އެހެންވީމާ ދެ ބިލިއަނެއްހާ ޑޮލަރު އަހަރު ދުވަސްތެރޭގައި ނުވަތަ ދޮޅުއަހަރު ދުވަސް ތެރޭގައި އެގްރިމެންޓް ކުރެވިގެން ފަށާތާ ކުރިއަށް އޮތް އަހަރެއް ނުވަތަ ދެ އަހަރު ތެރޭގައި އޭގެ އަސަރު ކުރާނެ. ކޮންސްޓަރަކްޝަން ފޭސްގައި ވެސް ފައިދާވާނެ. އެންމެ ޕްރޮޖެކްޓެއް ފެށުނަސް އަޅުގަނޑުމެނަށް އޮބި ނޯވެފަ އޮންނާނީ،" ޖަނާ ވިދާޅުވި އެވެ.
އެ އޭގެ އެއް މިސާލަކީ ރީތި ރަށުގެ ޕްރޮޖެކްޓް ކަމަށް ބައެއް މީހުން ދެކެ އެވެ. އެ ރަށުގެ މަސައްކަތް ހިންގި އިރު ފައިދާ ނުވާ ބަޔަކު ނެތެވެ. ފެން އުފުލުމުން ފެށިގެން ގޮސް ރަށުގެ ވެޖިޓޭޝަން ރަނގަޅު ކުރުމަށް ހިންގި މަޝްރޫއުތައް ފާހަގަ ކުރެވެ އެވެ. އަދި އެ ރަށުގެ މަޝްރޫއު އަށް ފަހު މުއްސަނދިވި އެތައް ބަޔަކު އެބަ ތިއްބެވެ.
އެސްއީޒެޑް ގާނޫނުގައި ހުރި ހުރި ބައެއް މާއްދާތަކުގެ ސަބަބުން އެ ގާނޫނަކަށް ދެކޮޅު ހެއްދެވި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައެއް މެމްބަރުން ވެސް ގަބޫލު ކުރައްވަނީ އޭގެ އަސަރު ކުރުމަށް ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ. ގައުމު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ އެސްއީޒެޑް ގާނޫނުގެ އަސަރު މިހާރުން ފެށިގެން ކުރަން ފަށާނެ ކަމަށެވެ. އަދި އެއީ ރަނގަޅު އަސަރެއް ކަމަށް ވިއަސް އަދި ނޭދެވޭ އަސަރެއް ކަމުގައި ވިޔަސް އޭގެ އަސަރު ކުރުމަށް ގިނަ އަހަރުތަކެއް ނުނަގާނެ ކަމަށެވެ.
އިގުތިސާދީ މާހިރެއް ކަމަށްވާ އާތިފް ޝުކޫރު ވިދާޅުވީ އެސްއީޒެޑް ގާނޫނު ވުޖޫދަށް އައިސް އަމަލުކުރަން ފެށުމާ އެކެ ބޭރުގެ އިންވެސްޓަރުންނަށް ޔަގީންކަން ލިބުން އެއީ ވެސް ފައިދާއެއް ކަމަށެވެ. އަދި ކޮންމެ އިގްތިސާދީ މަސައްކަތެއް ފެށިގެން އަންނަ އިރު ވަޒީފާތައް އުފެދި އާ މަސައްކަތްތަކެއް އުފެދިގެން ދާނެ ކަމަށެވެ. އެހެން ކަމުން އިގްތިސާދީ މަސައްކަތެއް ފެށުމަށް ތައްޔާރުވަމުންދާ އިރު ވެސް އޭގެ އަސަރު ފެތުރިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ އިގްތިސާދީ ހަރަކާތެއް ފެށިގެން އަންނައިރުގައި އިގްތިސާދީ މަސައްކަތްކުރާ ދޮރުމަތިން ވަޒީފާގެ ފުރުސަތުތައް އުފެދި އެހެން ހިދުމަތްތައް ވިޔަފާރިތަކަށް ބަދަލުކޮށް، ވިޔަފާރިތައް ބޮޑެތި ވުމުގެ ފުރުސަތުތައް ހުޅުވިގެން އަންނާނެ. ބޮޑެތި އިންވެސްޓްމަންޓް އައުމުން މި ފުރުސަތުތައް ފުޅާވާނެ،" އާތިފް ވިދާޅުވި އެވެ.
އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވެސް ވިދާޅުވީ މަޝްރޫއެއް ފެށޭ ފުރަތަމަ ދުވަހުން ފެށިގެން އޭގެ މަންފާ ދިވެހި ރައްޔިތުނަށް ކުރާނެ ކަމަށެވެ. އަދި މިއަދު ގެނައި ބަދަލާ މެދު މިއަދުގެ ކުޑަ ކުދިން ބޮޑެތި ވެގެން އުފާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިގްތިސާދީ ސަރައްދުތަކުގައި ބިޔަ މަޝްރޫއުތައް ފެށިއްޖެ ނަމަ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަވެ އާ މަސައްކަތްތައް ރާއްޖޭގައި ފެށި ކުދި ވިޔަފާރިތައް ކުރި އެރުމަށް ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ގިނަ "މާހިރުން" އެއްބަސްވެ އެވެ.